ހދ. ނޮޅިވަރަމް ސްކޫލުގެ ބިދޭސީ އަންހެން ޓީޗަރެއް ދިރިއުޅެމުންދާ ގެއެއް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަލީ ނާޒިމް މިއަދު ވިދާޅުވީ، އަންހެން ޓީޗަރު ދިރިއުޅޭ ގެއިން 2000 ރުފިޔާ އާއި ނޮކިއާ 95 ބްރޭންޑްގެ ފޯނެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެގެއިން ވައްކަން ކޮށްފައި ވަނީ އެ އަންހެން ޓީޗަރު އުޅޭ ކޮޓަރީގެ ފާހާނާގެ ފެންލައިޓް ފަޅާލައިގެން ވަދެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެޓީޗަރު ގެންގުޅޭ ލެޕްޓޮޕެއް ވެސް އިން މޫނު ދޮންނަ ތައްޓާ ހަމަޔަށް ގެންގޮސްފައި ނުގެންދެވި." ނާޒިމް ވިދާޅުވި އެވެ.

އެގެއިން ވައްކަން ކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 7 ޖަހާ އެހާކަންހާއިރު އެ ޓީޗަރު ރޭގަނޑު ކެއުމަށް ކޮޓަރިން ނިކުތް ވަގުތުގައި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ އިރާކޮޅުގެ ވަގުތެއްގައި ބިދޭސީ ޓީޗަރެއްގެ ގެއިން ވައްކަން ކުރި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.