ބޮލީވުޑްއާއި އަހަރެމެން ދިވެހިންނާއި އޮތީ ވަރަށް ވެސް ހާއްސަ ގުޅުމަކުން ގުޅިފަ އެވެ. އެއްވެސް ފިލްމެއް ދޫކޮށްނުލާ ބޮލީވުޑްގެ ހުރިހާ ފިލްމެއް ދުވަހުން ދުވަހަށް ބަރާބަރަށް ބަލާއުޅޭ މީހުން ދިވެހިންގެ ތެރޭގައި ގިނަ އިރު، ބޮލީވުޑްގެ ސުޕާ ސްޓާރުންނަށް ވެސް އެހާމެ ބޮޑު މަގްބޫލްކަމެއް ދިވެހިންގެ ތެރޭގައި އޮވެ އެވެ.

ބޮލީވުޑްގެ ވާހަކަދައްކާއިރު، މުޅި އެ އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވި ތާރީހީ އެއްފިލްމަކީ މުގަލްއޭ އަޒަމް އެވެ. 1960 ގެ އޮގަސްޓްމަހުގައި ރިލީޒްކުރި މި ފިލްމަކީ މިހާތަނަށްވެސް ބޮޑެތި ރިކޯޑްތަކެއް ބޮލީވުޑްގައި ހިފަހައްޓަމުން އައި އެއް ފިލްމެކެވެ.

މޫގަލް ޕްރިންސް ސާލިމް އާއި ނެށުންތެރިއެއްކަމުގައިވާ އަނާރްކަލީގެ ލޯތްބަށް، ސާލިމްގެ ބައްޕަ ރަސްގެފާން އަކްބަރު އިންކާރުކުރުމުން ބައްޕަ އާއި ދަރިއެއްގެ ދެމެދުގައި ހިނގާ ކަންކަން ދައްކުވައިދޭ މި ފިލްމަކީ އަދި އަދަށްދާންވެސް އެންމެ ގިނަމީހުން ބެލި އެއް ބޮލީވުޑް ފިލްމެވެ.

މިހާ ކުރީގެ ފިލްމެއްގެ ވާހަކަ ހާއްސަވާ އެެހެން ބައިވަރު ސަބަބުތައްވެސް އެބަހުއްޓެވެ. މިގޮތުން އާސިފް ކަރީމް ޑައިރެކްޓްކޮށް ޝަޕްރޫޖީ ޕެލޮންޖީ ޕްރޮޑިއުސްކުރި މި ފިލްމް ހެދުމަށް ގާތްގަނޑަކަށް 16 ވަރަކަށް އަހަރު ހޭދަވި އެވެ. ފިލްމްގެ މަސައްކަތް ފަށާފައިވަނި ފައިނޭންސް ކޮށްދިން ފަރާތް ފިލްމް ދޫކޮށްލުމުން ފިލްމުގެ ހުރިހާ މަސައްކަތެއް ހުއްޓުނެވެ. އެއާއެކު ދެން ފިލްމުގެ މަސައްކަތް ފެށުނީ މުޅި ކާސްޓް އެއްކޮށްހެން ބަދަލުކޮށްގެނެވެ.

މި ފިލްމުގެ ބަޖެޓަކީ އަންދާޒާ ކުރެވޭ ގޮތުން 15 މިލިއަން ރުޕީސް އެވެ. މިއީ އެދުވަސްވަރުގެ އެންމެ ބޮޑު އަގެވެ. ޖުމްލަ 197 މިނިޓްގެ މި ފިލްމުގައި 12 ލަވަ ހިމެނޭއިރު މިއިން ލަވައެއްގެ އަގު އެކަނިވެސް އެދުވަސްވަރުގެ މުޅި ފިލްމެއްގެ އަގާއި އެއްވަރެވެ.

ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި މަދޫބާލާއާއި ދިލިޕް ކުމާރު ފަދަ ފަރާތްތައް ހިމެނެއެވެ. މިއީ ހަމަގައިމުވެސް ދިވެހިންނަށްް އިތުރު ތަފްސީލެއް ދެންޖެހޭނެ ނަންތަކެއް ނޫނެވެ.

ލަތާ މަންގޭޝްކަރާއި، މުހައްމަދު ރަފީއާއި ކްލެސިކަލް ލަވަކިޔުންތެރިޔާ ގުލާމް އަލީ ހާންގެ އަޑުން އިވިގެންދާ މި ލަވަތަކަކީ އަދިވެސް އެތަށްބައެއްގެ ހިތްތަކާއި ކުޅެލާއި ހިތްގައިމު ލަވަތަކެކެވެ. 1960ގެ އޮގަސްޓް 5 ގައި މި ފިލްމް ރިލީޒްކުރެވުނުއިރު އެހާތަނަށް ބޮކް އޮފީހުގެ ހުރިހާ ރިކޯޑެއް މި ފިލްމުން މުގުރާލިއެވެ. އަދި އޭގެ ޖެހިގެން އައި 15 އަހަރުވެސް އިންޑިއާގެ ހަޔަސްޓް ގްރޮސިން ފިލްމެއްގެ ގޮތުގައި އޮތީ މުގަލްއޭ އަޒަމް އެވެ.

8 ވަނަ ފިލްމް ފެއާ އެވޯޑްގައި މި ފިލްމަށް ނެޝެނަލް އެވޯޑާއި ތިން ފިލްމްފެއާ އެވޯޑް ދީފައިވާއިރު، މިއީ ކަޅާ ހުދުގެ ފިލްމްގެ ތެރެއިން ޑިޖިޓަލްކޮށް ކުލަ ޖެއްސުނުވެސް ފުރަތަމަ ފިލްމެވެ.

މި ފިލްމަށް މި އަހަރު 59 އަހަރު ފުރޭއިރު، އަދި އެއްފަހަރު ފިލްމުގެ ހަނދަން އާކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟