30 Jul 2019, 16:02
މިއަދު މެންދުނު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކާ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު މެންދުރު 2:00 އެހާކަން ހާއިރު ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، އެ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހިގެން އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން 31 އަހަރުގެ އަންހެން މީހާ އާއި، ސައިކަލް ފަހަތުގައި އިން ނުވަ އަހަރުގެ ފިރިހެން ކުއްޖާއަށް ކަމަށެވެ.
ދެމީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފަ އެވެ. އަންހެން މީހާގެ މޫނުމަތި ކަފައިގެން ގޮސްފައިވާއިރު، ފިރިހެން ކުއްޖާގެ ލޯ ކައިރި ވަނީ މަށައިގެން ގޮސްފަ އެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވި އަންހެން މީހާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.