30 Jul 2019, 15:58
ދަރުމަވަންތަ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ރޭޑިއޭޝަން ލީކުވާ މައްސަލަ ހައްލުކޮށް، ރިޕޯޓު ހުށަހަޅައިފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރަތަމަ ފަންގިފިލާގައި ހުރި ރޭޑިއޮލޮޖީ އިކުއިޕްމަންޓްތަކުން ރޭޑިއޭޝަން ލީކުވާތީ މި މަސް ނިމުމުގެ ކުރިން އެކަން ބަލައި މައްސަލަ ހައްލު ކުރަން ކޮންޓްރެކްޓަރަށް އަންގާފައިވާ ކަމަށެވެ.
އިއްޔެ މައްސަލަ ހައްލުކޮށް، ރިޕޯޓު ވެސް ހިއްސާކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެތަނުން އެމްއާރުއައި، އެކްސްރޭ އަދި ސީޓީ ސްކޭން ފަދަ ހިދުމަތްތައް ދޭން ފެށި، ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެތަން ފަރުމާކޮށްފައި ހުރީ ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ނޫން ކަމަށާއި، މައްސަލަ ދިމާވީ ކޮންމެސް ބައެއްގެ އިހުމާލުން ކަމަށެވެ.
"ކޮންޓްރެކްޓާ އަކީ ބެސްޓް ޕްރެކްޓިސް ކޮންޓްރެކްޓާ އެއް. އެކަމަކު ކޮންމެވެސް ބައެއްގެ އިހުމާލުން އެތަން އެހުރީ ޝީލްޑް ކުރަންވާ ވަރަށް ޝީލްޑް ނުކުރެވި ރޭޑިއޭޝަން ލީކު ވެފައި،" ސަލީމް ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮންޓްރެކްޓަރަކަށް މަސައްކަތްކުރީ ސިންގަޕޫރުގެ ޝަންހުއާ ކުންފުންޏެވެ. އަދި ފަހުން، އެ ހޮސްޕިޓަލަށް އިކުއިޕްމަންޓް ހޯދުމަށް ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ.