01 Nov 2011, 11:45
ސަތާރަ ވަނަ ސާކް ސަމިޓްގެ ސައިޑް އިވެންޓެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސާކް ޓްވެންޓީ–ޓްވެންޓީ ކަޕް 2011" ކްރިކެޓް މުބާރާތް، މިއަދު ފުވައްމުލަކުގައި ފަށައިފި އެވެ.
ބަގްލަދޭޝް ފިޔަވައި ސާކްގެ ހަތް ޤައުމަކުން ބައިވެރިވެފައިވާ މިމުބާރާތް ފުވައްމުލަކުގައި ފައްޓަވައި ދެއްވީ، ވިޔަފާރިވެރިޔާ އަދި ކުރީގެ ކުރިކެޓް ކުޅުންތެރިޔާ ޗަންޕާ ހުސައިން އަފީފެވެ.
މި މުބާރާތަށް ޚާއްޞަކޮށްގެން ފުވައްމުލަކުގައި ހަދާފައިވާ "އަޙުމަދު އަލި ދީދީ ކްރިކެޓް ގްރައުންޑް"ގައި މިއަދު ހެނދު ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތް ފެއްޓަވައި ދެއްވަމުން ހުސައިން އަފީފް ދެއްކެވި ވާހަކަފުޅުގައި ފުވައްމުލަކުގައި ހަދާފައިވާ ކްރިކެޓް ދަނޑަކީ ވަރަށް ރީތި ވަރަށް ފުރިހަމަ ކްރިކެޓް ގްރައުންޑެއްކަމުގައި ވިދާޅުވި އެވެ. އަދި މި ގްރައުންޑްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަކާ މެދު އޭނާ ވިސްނާވަޑައިގަންނަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ކްރިކެޓް ގްރައުންޑްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގޮތެއް ހަދައިދިނުމަށް އޭނާ އަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު ހަސަން ލަތީފް ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާގެ ވާހަކަފުޅުގައި ފުވައްމުލަކުގައި ހަދާފައިވާ މި ރީތި ކްރިކެޓް ގްރައުންޑަކީ ފުވައްމުލަކު ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ހަދާފައިވާ ތަނެއްކަން ފާހަގަ ކުރެއްވި އެވެ. އަދި ފުވައްމުލަކު ރައްޔިތުންނަށް ކްރިކެޓްގައި މި ލިބުނު ފުރުޞަތަކީ ދުނިޔޭގެ ވަރަށް މަދު ބަޔަކަށް، މަދު ފަހަރެއްގައިނޫނީ ނުލިބޭނެ ފުރުޞަތެއްކަމުގައި ވިދާޅުވެ، މި ފުރުޞަތުގެ ބޭނުންހިފައި، މުބާރާތުގެ މެޗުތައް ހިނގަމުންދާ ގަޑީގައި ވީހާ ވެސް ގިނަ ބަޔަކު ފޯރި ދިނުމަށް އައުމަށް އެދިވަޑައިގަތެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ބައެއް ކްރިކެޓް ކުޅުންތެރިންނާއި، ޔޫތު މިނިސްޓްރީއާއި، ކްރިކެޓް ބޯޑްގެ ބައެއް އިސްވެރިންނާއި ފުވައްމުލަކުގެ ކަމުވޮށީން ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ސަގާފީ ބަނޑިޔާ ޖެހުމުގެ އައިޓަމެއް ވެސް ފުވައްމުލަކުގެ ގްރޫޕަކުން ހުށަހެޅި އެވެ.
މެޗު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދިވެހި ރާއްޖޭގެ ޓީމުގެ ކެޕްޓަން ފަރުހަތު ޖަލީލާއި، ބޫޓާން ޓީމުގެ ކެޕްޓަން ޖިގްނީ ވަނީ ފުވައްމުލަކު ކްރިކެޓް ގްރައުންޑްގެ ފުރިހަމަކަމަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެޓީމު އައްޑޫން ފުވައްމުލަކަށް އައީ އައިލެންޑް އޭވިއޭޝަންގެ ފްލައިޓެއްގައި މިއަދު ހެނދުނު އެވެ.
ބަންގްލަދޭޝްފިޔަވައި ސާކްގެ ހުރިހާ ގައުމަކުން ބައިވެރިވެފައިވާ މި މުބާރާތުގެ މިއަދުގެ ފުރަތަމަ މެޗުގެ ކުޅުން މިހާރުވަނީ ފެށިފަ އެވެ.
މިއަދުގެ ދެ ޓީމަކީ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ނޭޕާލާއި ސްރީ ލަންކާ އެވެ.. މިމެޗް ކުޅޭނީ މެންދުރު ފަހު 1:30 ގައެވެ.
މުބާރާތުގައި ރާއްޖެ ލައްވާލީ ބޫޓާނާއި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދުނިޔޭގެ ކްރިކެޓުގެ ގަދަބާރުތައް ކަމަށްވާ އިންޑިޔާ އާއި ޕާކިސްތާނާއި ސްރީ ލަންކާގެ އިތުރުން ނޭޕާލެވެ. މީގެ ތެރެއިން ނޭޕާލަކީ ދެކުނު އޭޝިއާ އިން ޓެސްޓް ކްރިކެޓް ނުކުޅޭ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ގައުމެވެ.
ކޮންމެ ދުވަހަކު ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:30 ގަ އެވެ. ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 1:30 ގައެވެ.
ކްރިކެޓް ބޯޑާއި ފޮރިން މިނިސްޓްރީއާ ކުޅިވަރާ ބެހޭ މިނިސްޓްރީ ގުޅިގެން ބާއްވާ މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ ހަތަކަށެވެ.