ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ޓަވަރުގެ ފައުންޑޭޝަން އަޅައިފި އެވެ.

އެކުންފުނިން މިއަދު ބުނީ ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން އަޅާ ދެ ޓަވަރުގެ ތެރެއިން އެ ޓަވަރުގެ ފައުންޑޭޝަން އެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އެމްޓީސީސީ އަށް 24،000 އަކަފޫޓުގެ ބިމެއް ވަނީ ދީފަ އެވެ. އެ ބިމުގައި 15 ބުރީގެ ދެ ޓަވަރު އަޅާ އިރު ޖުމްލަ 400 ފްލެޓު ތަރައްގީ ކުރާނެ އެވެ.

ކޮންމެ ޓަވަރެއްގައި އެއްކޮޓަރީގެ 80 ފްލެޓާއި ދެ ކޮޓަރީގެ 60 ފްލެޓާއި 2+1 ކޮޓަރީގެ 60 ފްލެޓު ތަރައްގީ ކުރާނެ އެވެ.

ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަށް 390 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިޔުމަށް އާރުއައިއިންޖިނިއަރިން އާ ހަވާލުކުރީ 2017 ޑިސެމްބަރު މަހު އެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ހޯދުމަށް މިހާތަނަށް އެމްޓީސީސީގެ 65 މުވައްޒަފަކު ވަނީ ބުކިން ފީ ދައްކާފައިވާކަމަށް އެކުންފުނުން ބުންޏެވެ.