30 Jul 2019, 15:29
ކްރިމިނަލް ކޯޓުގައި މިހާރު ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ޑްރަގް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ، ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި އިރު ފުރަތަމަ ހަވާލުވެވަޑައިގެންނެވި މައްސަލަތައްކަން ހާމަވެއްޖެއެވެ.
އެކަން ހާމަވީ ކްރިމިނަލް ކޯޓުގައި މައްސަލަތައް ލަސްވެ، ދިގުލައިގެން ދާތީ އެކަމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ރިޕޯޓުންނެވެ.
އެ ރިޕޯޓުގައި ބުނާ ގޮތުން، ރިޕޯޓު އެކުލަވާލި މުއްދަތާ ހަމައަށް ކްރިމިނަލް ކޯޓުގައި ނުނިމި 1،910 މައްސަލަ އެބަ ހުއްޓެވެ. އޭގެ ތެރެއިން ނުނިމި 10 އަހަރުވެފައިވާ 12 މައްސަލަ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 126 މައްސަލަ ހިމެނެއެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކްރިމިނަލް ކޯޓުގައި ހުރި 10 އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލަތަކާއި ނުނިމި ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލަތަކަކީ މިހާރު އެ މައްސަލަތަކާ ހަވާލުކުރެވިފައިވާ ގާޒީންނާ އެންމެ ފުރަތަމަ ހަވާލުކުރެވުނު މައްސަލަތަކެއް ނޫނެވެ. އޭގެ ބައެއް މައްސަލަތަކުގައި މައްސަލަ ބައްލަވާ ގާޒީ ތިނެއް ނުވަތަ ހަތަރު ފަހަރު ބަދަލުވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އެއީ މައްސަލަ ބައްލަވާ ގާޒީ އެހެން ކޯޓުތަކަށް ބަދަލުކުރުމުން ކަމަށް ރިޕޯޓުގައިވެ އެވެ.
"މިހާރު ތިއްބެވި ގާޒީންނާ ހަވާލުކުރެވިފައިވާ ގިނަ ދުވަސްވީ މައްސަލަތަކަކީ މީގެ ކުރިން ކްރިމިނަލް ކޯޓުގައި މަސައްކަތްކުރެއްވި ގާޒީ މުހުތާޒް ފަހުމީއާ ހަވާލުކުރެވިފައިވާ މައްސަލަތަކެއްކަންވެސް ފާހަގަ ކުރެވެއެވެ. އެ މައްސަލަތައް އެހެން ގާޒީންނާ ހަވާލުކުރެވިފައި ވަނީ އެ ގާޒީ އަމިއްލަފުޅަށް އެދިވަޑައިގެން ޑްރަގް ކޯޓަށް 12 އޯގަސްޓް 2018 ވަނަ ދުވަހު ބަދަލުވުމުންނެވެ،" ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ ގިނަ މައްސަލަތަކަކީވެސް ގާޒީ މުހުތާޒްއާ ފުރަތަމަ ހަވާލު ކުރެވުނު މައްސަލަތަކެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭނާ ޑްރަގް ކޯޓަށް ބަދަލުވެވަޑައިގެންނެވި އިރު އޭނާގެ ސެކްޝަނުގައި ނުނިމި 444 މައްސަލަ ހުރިކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ލަފާ ދީފައި ވަނީ ނުނިމި 10 އަހަރުވެފައިވާ މައްސަލަތައް 45 ދުވަހުގެ ތެރޭގައި ނިންމޭނެ ގޮތަށް އަޑުއެހުންތަކުގެ ފުރިހަމަ ތާވަލެއް ހަތް ދުވަހުގެ ތެރޭގައި އެކުލަވާލުމަށެވެ. އަދި ނުނިމި ފަސް އަހަރުވެފައިވާ މައްސަލަަތައް ނިންމަން 30 ދުވަސް ތެރޭގައި އަދި ނުނިމި ތިން އަހަރުވެފައިވާ މައްސަލަތައް ނިންމަން 45 ދުވަސް ތެރޭގައި ތާވަލެއް އެކުލަވާލުމަށް ލަފާ ދީފައިވެއެވެ.
10 އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް:
- ކުޑަކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ 3 މައްސަލަ
- ކައިވެނިހެޔޮނުވާ ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ 1 މައްސަލަ
- މީހެއްގެ ހަށިގަނޑަށް ނުރައްކާތެރި ހާނިއްކައެއް ކުރުމުގެ 1 މައްސަލަ
- އަމުރަށް ނުކިޔަމަންތެރިވުމުގެ 2 މައްސަލައެއް
- ޓެރަރިޒަމްގެ 1 މައްސަލަ
- ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ 1 މައްސަލަ
- މަކަރާއި ހީލަތް ހެދުމުގެ 2 މައްސަލައެއް
- ހިޔާނާތްތެރިވުމުގެ 1 މައްސަލަ