30 Jul 2019, 14:46
ސަރުކާރުގެ ހަރަދުގައި ނުވަތަ އައިޖީއެމްއެޗްގެ ޕޭ ލީވްގައި މަތީ ތަމްރީނު ވުމަށްފަހު، އެ ހޮސްޕިޓަލުގައި ވަޒީފާ އަދާނުކޮށް ބޮންޑު ދޫކޮށްލުން ގިނަ ކަމަށް ބުނެ އެ ހޮސްޕިޓަލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި އެ ހޮސްޕިޓަލުގެ މަސައްކަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ މެޑިކަލް ސާވިސްގެ ޑިރެކްޓާ ޑރ. އަލީ ނަޒީމް ވިދާޅުވީ ތަމްރީނު ކުރާ މުވައްޒަފުން ނުހިފެހެއްޓުމަކީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ބޮންޑު އޮވެމެ ދޫކޮށްލާފަ އެބަ ދޭ. މިހާރު ބޮންޑަކީ އެހާ ބާރު ހިނގާ އެއްޗެއް ނޫން ކަމަށް މި ފެންނަނީ،" ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ ސަރުކާރަށް ލިބޭ ސީޓެއްގައި ކިޔަވައިގެން އައިސް ސަރުކާރަށް ހިދުމަތް ނުކުރުމަކީ ދެރަ މައްސަލައެއް ކަމަށެވެ. އަދި މިހާރުވެސް އައިޖީއެމްއެޗްގައި ސީނިއާ ޑޮކްޓަރުންގެ ލެވެލްގައި ތިބީ 12 ވަރަކަށް މީހުން ކަމަށާއި، ތަމްރީނު ކުރި ހުރިހާ މީހުން ހިދުމަތުގައި މަޑުކުރި ނަމަ، އެ އަދަދު އުޅޭނީ 30 އާއި 35 ދެމެދުގައި ކަމަށެވެ.
އޭގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި، އައިޖީއެމްއެޗްގައި މުހިންމު ތަމްރީނުތައް ހިންގާނެ ބަޖެޓެއް ނެތެވެ. އަދި މުވައްޒަފުން ތަމްރީނު ކުރަން ލިބޭ ފުރުސަތުތައްވެސް ވަރަށް މަދު ކަމަށާއި، އެކަމަށް އެދެވޭ ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
"ފުރުސަތު ލިބުނަސް ލިބެނީ މިނިސްޓްރީއަށް. ދެން މިނިސްޓްރީން ހުޅުވާލަނީ މުޅި ރާއްޖެއަށް. ދެން މުޅިން ތަފާތު ގޮތަކަށް އޭތި ދަނީ،" ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ އެކަން އެހެން ދިމާވަނީ އައިޖީއެމްއެޗްއަކީ ވަކި އިންސްޓިޓިއުޓެއް ކަމަށް ބަލައިނުގަންނާތީ ކަމަށެވެ.
އައިޖީއެމްއެޗްގެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ވަނީ އެ ޝަކުވާތައް ތަފްސީލުކޮށް، ލިޔުމުން ކޮމިޓީއަށް ހުށަހެޅުމަށް ލަފާ ދެއްވައިފައެވެ.
މުގައްރިރު ވިދާޅުވީ އޭރުން، ކޮމިޓީގެ މެމްބަރުން މަޝްވަރާކޮށް އެކަންކަން ބަލައި ގާނޫނަށް އިސްލާހު ހުށަހަޅަން ފެންނަނަމަ އެކަންވެސް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތް ކަމަށެވެ. އަދި މުވައްޒަފުން ތަމްރީނު ކުރުމަށް ބޭނުންވާ ބަޖެޓާ ގުޅިގެން ވެސް މަޖިލީހުން މަސައްކަތް ކޮށްދެއްވާނެ ކަމަށް މުގައްރިރު ވިދާޅުވިއެވެ.