30 Jul 2019, 14:34
އ.ދގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއި އޮން ޔޫތު ޖަޔަތުމާ ވިކްރަމަންޔަކަ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޖަޔަތުމާ ރާއްޖެއަށް ވަޑައިގަންނަވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފް ދެއްވި ޚާއްސަ ދައުވަތަކަށެވެ. އެ ދެ ބޭފުޅުން ބައްދަލުވީ މިދިޔަ ޖޫން މަހުގެ 21 އިން 23 އަށް ޕޯޗުގަލްގެ ލިޒްބަންގައި އޮތް ވޯލްޑް ކޮންފަރަންސް އޮން މިނިސްޓާސް ރެސްޕޮންސިބަލް ފޯރ ޔޫތު، އަދި ޔޫތު ފޯރަމް 2019 ގެ ހަވާސާގައެވެ.
ސްޕެޝަލް އެންވޯއި ޖަޔަތުމާ ރާއްޖެ ވަޑައިގަންނަވަނީ އޯގަސްޓް 12 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި އަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ނ. ވެލިދޫގައެވެ.
މި ދަތުރުގައި ޖަޔަތުމާ ވިކްރަމަނަޔަކަ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޒުވާން މެމްބަރުންނާއި ނެޝަނަލް ޔޫތު ކައުންސިލްގެ މެމްބަރުންނާއި ވެސް އޭނާ ބައްދަލުކުރައްވާނެއެވެ.
މިއީ އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއިއަކު ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅެވެ.
އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީކަމަށް ސްރީލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކަ ހަމަޖެހިގެން ދިޔައީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.