30 Jul 2019, 14:13
ބ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއަތޮޅު ފެހެންދޫގެ ކައުންސިލުގެ މެންބަރުންނާއި މުވައްސަސާތަކުގެ އިސް ވެރިންނާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ފެހެންދޫގެ ވެރިން ވަނީ އެރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައް ރައީސްއާ ހިއްސާކުރައްވައިފަ އެވެ.
އެގޮތުން އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި ނަރުދަމާއާއި ކަރަންޓުގެ މައްސަލަތަކާއި ސިއްހީ ދާއިރާގައި ހުރި ބައެއް ގޮންޖެހުން ތަކާއި ރަށުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުންނާއި ރަށުގައި އޭޓީއެމެއްގެ ހިދުމަތް ގާއިމުކުރުމުގެ މުހިންމުކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
މީގެއިތުރުން ފެރީގެ ހިދުމަތް ރަނގަޅު ކުރުމާއި ރަށުގެ ތައުލީމީ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ފެހެންދޫގައި ކުރިއަށް ގެންދިޔުމަށް ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތަކާއި ބައެއް މަޝްރޫއު ތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީހުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވައިފައެވެ.
މީގެއިތުރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންވެސް ކައުންސިލަރުންނާއި ރައީސް ވަނީ ހިއްސާ ކުރައްވައިފައެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ސޯލިހް ކުރައްވާ މި ދަތުރުފުޅުގައި ފެހެންދޫގެ އިތުރުން ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައި އެރަށްރަށުގެ ކައުންސިލަރުންނާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ އަދި އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.