ދައުލަތުގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން ނިންމައި އެކަން މަޖިލީހަށް ވެއްދި ނަމަވެސް މުއިއްޒު އެކަމުން ސަލާމަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި މޫސަ އެމްޑީޕީގެ ވެބްސައިޓަށް އިއްޔެ ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅެނީ ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނެވި ޕީޕީއެމް އާއި ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީން ގުޅިވަޑައިގެން ކަމަށެވެ.

އަދި ބަންޑާރަ ނައިބުގެ މައްޗަށް އިތުބާރު ނެތިގެން އިދިކޮޅު ފަރާތްތަކުން އުޅެނީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާންގެ މައްސަލައިގައި ހިތްހަމަނުޖެހިގެން ކަމަށް ވެސް މޫސަ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"ޣައްސާން މައުމޫނަށްޓަކާ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، އޭނާ ދުއްވާލަން އެކުރާ މަސައްކަތް ހަމަހިލާ ކާމިޔާބު ވިޔަކަ ނުދޭނަން. ތަސްމީނާއި މައުމޫނު އެއްބައިވެގެން އެކަން ކުރަން އުޅުނަސް ލާހިކެއް ނޫން އެކަން ކުރާކަށް.” މޫސަ ވިދާޅުވެފައިވެ އެވެ.

ބަންޑާރަ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ވިސްނަމުންދާ ކަމަށް ދާދިފަހުން ޕީޕީއެމުން ވަނީ ބުނެފަ އެވެ. ޕީޕީއެމް އިން ބުނެފައި ވަނީ ބަންޑާރަ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހިއްޖެ ކަމަށާއި މިހާރު ބަންޑާރަ ނައިބުގެ އަމަލުތައް ހުރީ ސިޔާސީ "ރަންޑިއެއްގެ" ގޮތުގައި ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިނުކޮށް އެޓާނީ ޖެނެރަލް ޣައްސާންގެ މައްޗަށް ޖިނާއީ ދައުވާއެއް ހައި ކޯޓަށް ވެއްދުމުން ކޯޓުން ވަނީ އެ ދައުވާ އަނބުރާ ފޮނުވާލައިފަ އެވެ.