30 Jul 2019, 14:04
ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު، ވީނުވީއެއް ނޭނގި އޭނާ ގެއްލުވާލަން މަސައްކަތް ކުރި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ނަތީއްޖާ އޮޅުވާލި ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒިފުން އެކި ގޮތްތުން ބިރު ދައްކައި އިންޒާރު ދިން ކަމަށް އެ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީގައި ބިލެތްދޫ ދާއިރާ މެމްބަރު، އަހްމަދު ހަލީމް (ދޮން ބިލަތް ހަލީމް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބު ދުވަސްވަރު، މެމްބަރުންނަށާއި މުވައްޒިފުންނަށް މަސައްކަތް ކުރައްވަން ޖެހުނީ އެކި ގޮތްގޮތުން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ނަމަވެސް މިހާރު އެ ބިރުވެރިކަމެއް ނެތް ކަމަށެވެ.
"މަގުމަތިން ވީނުވީއެއް ނޭނގި އަޅުގަނޑު މަގުމަތިން ދާއިރު ކާރު މަޑު ކުރުވާފައި އަޅުގަނޑު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ރިޕޯޓު ފުލުހުން އަޅުގަނޑަށް ދިން،" ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކުރިމަތިވި ބިރުވެރިކަމުގެ ތެރެއިން ކުރިން ނުދައްކާ ވާހަކައެއް ވިދާޅުވަމުން ޝަރީފު ވިދާޅުވި އެވެ.

މިއަދު ކޮމިޓީގައި ޝަރީފު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ
ޝަރީފު އެގޮތައް ވިދާޅުވި ނަމަވެސް އެއީ ކޮން ބަޔެއް ކަމެއް އަދި އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
މުވައްޒިފަކު ރަހީނު ކުރަންވެސް މަސައްކަތް ކުރި!
އިލެކްޝަންސް ކޮމިޝަންގެ މުވައްޒިފަކު ރަހީނު ކުރި ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން ދޮންބިލަތް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ އެއީ ތެދު ވާހަކައެއް ކަމަށެވެ.
"ސްޓާފުގެ އާއިލާގެ ފަރާތުން ގުޅާފައި [ބުނި] އޭނާ ދަންވަރު ގަޑީގައި އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަކަށް ގޮއްސަވީ ކަމަށް. އަޅުގަނޑު ދެންނެވިން މި ގަޑީގައި އިލެކްޝަންސް ކޮމީޝަންގެ މަސައްކަތެއް ނޯންނާނޭ. އެ މައްސަލަ ވަގުތުން ފުލުހުންނަށް ވެސް ހުށަހެޅިން،" ޝަރީފު ވިދާޅުވި އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން --
ޝަރީފު ވިދާޅުވީ، އެކަމާ ގުޅޭ ގުޅިގެން އީސީގެ މެމްބަރުން އެރޭ ތިއްބެވީ ހޭލާ ކަމަށާއި މުވައްޒިފު ރަހީނު ކުރީ އީސީ އިން އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބަޔާން ހޯދުމަށް ކަމަށް އެނގުނު ކަމަށެވެ.
"ދެ ޒުވާނަކު އޭނާއާއެކު [މުވައްޒިފާއެކު] ކޮފީއެއް ބޯލަން ހިނގާށޭ ކިޔާފައި ދިޔާމަ އިންތިހާބާ ގުޅިގެން ބަޔާން ނަގަން މަސައްކަތްކޮށް، ފާޑު ފާޑުގެ ސުވާލުކޮށް، އިސީ އިން ރިޔާސީ އިންތިހާބުގައި އޮޅުވާލަން ކީއްހޭ ކުރީ އެކަހަ [ސުވާލުތައް މުވައްޒިފާ ކުރި]" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، އެގޮތައް ރަހީނު ކުރަން މަސައްކަތް ކުރީ، އިލެކްޝަންސް ކޮމިޝަންގެ ރެޖިސްޓްރޭޝަންގައި މަސައްކަތް ކުރާ ވަގުތީ ސްޓާފެއް ކަމަށާއި އޭނާ އަކީ ކަމާ ނުވެސް ބެހޭ މުވައްޒިފެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި ކަމަށް އިންތިހާބުން ބަލިވި، ކުރީގެ ރައިސް އަބްދުﷲ ޔާމީން ނިސްބަތްވާ ޕީޕީއެމް އިން ތުހުމަތު ކުރެ އެވެ. އަދި ދާދި ފަހުން ރައީސް ޔާމީން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވަނީ، ރޔާސީ ކެމްޕެއިންގެ ދަތުރުތަކުން ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެހެން ކަމުން ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވަން އަދިވެސް ދަތި ކަމަށެވެ.
މިއަދު ކޮމިޓީގައި ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރީ ދިވެހި ރައްޔިތުން ދެއްވި ވޯޓުން ކަމަށާއި އެއްވެސް ހާލެއްގައި ސިޔާސީ ޕާޓީތަކުގެ ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުންގެ އަދަދުން ނޫން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ އެއްވެސް އޮޅުވާލުމެއް އޮޅުވާލާފައި ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޝަރީފު މިއަދުވެސް ތަކުރާރު ކުރެއްވި އެވެ.