30 Jul 2019, 13:44
ސިވިލް ސާވިސް ކޮމިޝަނުގެ 2014، 2015، 2016 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފި އެވެ.
މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓް އޮފީހުގެ ބޭފުޅުން ހާޒިރުކޮށްގެން ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވުނު މައްސަލަތަކާ ބެހޭގޮތުން ސުވާާލުކޮށްފަ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުން 25،000 ރުފިޔާއާ 1.5 މިލިއަން ރުފޔާއާ ދެމެދުގެ މަސައްކަތެއް ކުރަން ބަޔަކާ ހަވާލު ކުރެވޭނީ ބިޑަށް ހުޅުވާލައިގެންނެވެ. ސިވިލް ސާވިސް ކޮމިޝަނުގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ 34،590 ރުފިޔާގެ މަސައްކަތެއް ބިޑަށް ހުޅުވާނުލައި ކުރިއަށްގެންދަން އެ މަސައްކަތް ތިން ބަޔަކަކަށް ބަހާލައިގެން ބަޔަކާ ހަވާލުކޮށްގެން ކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިއަދު ކޮމިޓީގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ އެ މައްސަލައާ ގުޅޭ ގޮތުންނެވެ. އެހެން އެއްވެސް މައްސަލައެއް ބޮޑު މައްސަލެއްގެ ގޮތުގައި ފާހަގައެއް ނުކުރެވެ އެވެ.
މި މައްސަލަ އޭސީސީގެ ސަމާލުކަމަށް ގެނައުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރި ގޮތަކީ ގަވައިދާ ހިލާފު ގޮތެއް ކަމުން އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަން ޖެހެ އެވެ. އެކަން އެގޮތަށް ހިނގަން ފުރުސަތު ދީފި ނަމަ ކިތަންމެ ބޮޑު މަސައްކަތެއްވެސް ބައިބަޔަށް ބަހާލައިގެން ދައުލަތުގެ އެހެން އިދާރާތަކުންވެސް ކޮށްފާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ޔައުގޫބު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އަދަދު ކިތަންމެ ކުޑަ ވިޔަސް، ކޮމިޝަނުގެ އަމަލަކީ ގޯސް އަމަލެއް ކަމަށެވެ. އަދި އެކަން ކުރަން ފުރުސަތު ދީފި ނަމަ ގަވައިދުތަކުން ގާއިމްކޮށްފައިވާ ކޮންޓްރޯލު ގެއްލިގެންދާ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެނޭ އެންމެ ކުޑަ މިނުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސަމާލުކަމަށް މިކަން ގެންނަން،" ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީީފު އެވެ. އޭނާވެސް ވިދާޅުވީ، އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު މައްސަލައިގައި އަދަދު ކިތަންމެ ކުޑަވިޔަސް، ގަވައިދާ ހިލާފަށް ކޮށްފައިވާ އަމަލު ގޯސް ކަމަށެވެ. އަދި ގަވައިދެއް ހަދާފައި އޮންނަނީ ސަބަބަކާ ހުރެކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިލުފުށި ދާއިރާގެ މެމްބަރު އަހުމަދު އަފީފްވެސް ވަނީ އެކަމަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބައިބަޔަށް ބަހާލައިގެން މަސައްކަތް ހަވާލު ކުރާ ނަމަ ކިތަންމެ ބޮޑު މަސައްކަތެއްވެސް ބިޑަކާ ނުލައި ބޭނުންވާ ފަރާތަކާ ހަވާލު ކުރެވޭނެ އެވެ.
ބިޑަކާ ނުލައި އެފަދަ މަސައްކަތް ދޫކުރުން ތަކުރާރު ނުކުރާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވާކަން ބައެއް މެމްބަރުން ފާހަގަކުރެއްވި އެވެ. އަދި އެ މައްސަލައިގައި ހިމެނޭ އަދަދަކީ އެހާ ބޮޑު އަދަދެއް ނޫން ކަމަށާއި އެކަން އޭސީސީއަށް ނުފޮނުވައި ދޫކޮށްލަން ބޭނުންވާ މޭރުމަކުން ބައެއް މެމްބަރުން ވާހަކަފުޅު ދެއްކެވި އެވެ.
ވަކި ވަކިކޮށްގެން މަސައްކަތްތައް ދޫކުރާ މައްސަލަ ހައްލު ކުރަން ކޮމިޓީއިން ވަކިން މަސައްކަތް ކުރާނީ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. އެގޮތުން، ބިޑަށް ހުޅުވާލަން ޖެހޭ ތްރެސްހޯލްޑް މަތި ކުރުމުގެ ޝައުގުވެރިކަން ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވީ އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ ރެކޮމަންޑޭޝަންތަކާ އެއްގޮތަށް މަޖިލީހުގެ ތަޅުމަށް ރިޕޯޓުތައް ފޮނުވުމަށެވެ. އެ ހުށަހެޅުއްވުމަށް ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ތާއީދު ކުރެއްވި އެވެ. ވޯޓަށް އެހުމުން، ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވީ އެ ހުށަހެޅުމެވެ.