ހދ. ނޮޅިވަރަމް ކައުންސިލްގެ ރައީސް މުހައްމަދު ޒިޔާދުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް އޭނާ މަގާމުން ދުރުކޮށްފި އެވެ.

އިއްޔެ ހަވީރު ކައުންސިލްގައި ބޭއްވި ޖަލްސާގައި ރައީސް ކަމުގެ މަގާމުން މުހައްމަދު ޒިޔާދު ވަކިކުރީ ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ޒިޔާދު ވަކިކުރުމަށް ވޯޓް ދެއްވައިގެން ކަމަށް ނައިބު ރައީސް އަލީ ނާޒިމް މިއަދު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓުގައި ޒިޔާދުބައިވެރިވެވަޑައިގެން ނަމަވެސް އޭނާ ވަނީ ވަކިއަތަކަށް ވޯޓުނުދެއްވައިފަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް ނޮޅިވަރަމް ކައުންސިލްގެ ރައީސް ކަމުން ޒިޔާދު ދުރުކުރި މައިގަނޑު ސަބެއްކަމުގައި ނައީބް ރައީސް ނާޒިމު ވިދާޅުވީ ކުރީގެ ރައީސް ކައުންސިލްގެ މެމްބަރުންނާ މަޝްވަރާކުރުމެއް ނެތި ބޮޑެތި މައްސަލަތައް އަމިއްލަފުޅަށް ނިންމެވުމާއި އަދި ލާމަރުކަޒީ ގާނޫނާ ޚިލާފަށް ބައެއް ކަން ކަން ނިންމާފައިވާތީ އެކަންކަން އިސްލާހުކުރުމަށް ދެންނެވުމުން ވެސް އެކަންތައް އިސްލާހު ކުރައްވާފައި ނުވާތީ އިތުބާރު ނެތްކަމުގެ ވޯޓް ނެގީ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ކައުންސިލްގެ ކުރީގެ ރައީސް ޒިޔާދުގެ ބަހެއް ހޯދާލުމަށް ގުޅުމުން އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި މިއަދު އޭނާ އޮފީހަށް ވެސް ވަޑައިނުގަންނަވާ ކަމަށް ކައުންސިލްގެ އިދާރާ އިން ވަނީ ބުނެފަ އެވެ.