30 Jul 2019, 11:18
ހުޅުމާލޭގައި ހިންގާ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް މާލެއިންދާ ބަލިމީހުންނަށް ޓްރާންސްޕާގެ ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.
ޓްރީޓޮޕުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު "ގެސްޓް ޓްރާންސްފާ"ގެ ހިދުމަތް ފަށާނެ ކަމަށެވެ.
އެ ހޮސްޕިޓަލުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ދޭ މި ހިދުމަތަށް އެއްވެސް ފީ އެއް ނުނަގާނެ އެވެ. މިއީ ހޮސްޕިޓަލަށް ހިދުމަތް ހޯދަންދާ ބަލިމީހުންނަށް ފަސޭހައަކަށް ދޭ ހިދުމަތެއްކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕްގެ އެޕޮއިންޓްމެންޓް ބުކްކޮށް، ކޮންފާމް ކުރުމުން މި ހިދުމަތަށް ބުކިން ހެއްދޭނެއެވެ. ބުކިން ހެއްދުމުން ލިބޭ އެސްއެމްއެސް ޑްރައިވަރަށް ދައްކަންޖެހޭނެއެވެ. ބަލިމީހާ އާއި އެއް އެހީތެރިއަކަށް ގެސްޓް ޓްރާންސްފާގެ ހިދުމަތް ލިބޭނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.
މި ހިދުމަތް ހޯދާ ބަލިމީހުންނަށް މާލޭގައި ހުންނަ ޕޮލިސް ޓޯ ޔާޑު ކައިރިން ކަނޑައެޅިފައިވާ ވަގުތުތަކުގައި ޓްރާންސްޕާގެ ހިދުމަތް ލިބޭނެއެވެ.

މީގެ ކުރިންވެސް ޓްރީޓޮޕުން ވަނީ އެ ހޮސްޕިޓަލަށް ދައްކާ ބަލިމީހުންނަށް މާލެ އިން ހުޅުމާލެ އަށް ޓްރާންސްފާގެ ހިދުމަތް ދީފައެވެ. އޭރު ސިނަމާލެ ބްރިޖު ހުޅުވުމުގެ ކުރިން މި ހިދުމަތް ދިނީ އެކަމަށް ހާއްސަ ފެރީއެއްގަ އެވެ.