އިސްލާމްއާބާދު (ޖުލައި 30): ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓެއް މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި، 17 މީހަކު މަރުވެއްޖެއެވެ.

ރެސްކިއު އޮފިޝަލުން ވިދާޅުވި ގޮތިގައި މިއަދު ފަތިހު ރާވަލްޕިންޑީއަށް އެ ބޯޓު ވެއްޓުމުން މަރުވެފައި ވަނީ ފަސް ކުރޫ މެމްބަރުންނާއި އެ ސަރަހައްދުގައި ތިބި 12 މީހުންނެވެ. އަދި އިތުރު 12 މީހަކަށް ވަނީ އަނިޔާވެފައެވެ.

ބޯޓު ވެއްޓުނު ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި، އެމީހުންނަށް ހޭލެވުނީ ބާރު ގޮވުމެއްގެ އަޑަށެވެ. އަދި މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ބޯޓު ވެއްޓުމުގެ ކުރިން އޭގައި އޮތީ ރޯވެފައެވެ.

އެބޯޓު ވެއްޓި، އޭގައި ރޯވުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކުގައިވެސް ރޯވެ، އެ އިމާރާތްތައް ވަނީ ބޭނުން ނުކުރެވޭ ވަރު ވެފައެވެ.

ޕާކިސްތާން އަސްކަރިއްޔާގެ އޭވިއޭޝަން ޔުނިޓަށް ނިސްބަތްވާ އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވެއެވެ. ނަމަވެސް އަސްކަރިއްޔާއިން ބުނީ ބޯޓު ވެއްޓުނީ ޓްރެއިނިން ދަތުރެއްގައި ކަމަށެވެ.

ޕާކިސްތާން އަސްކަރިއްޔާގެ މައި އޮފީސް ހުންނަނީ ޕަންޖާބުގެ ރާވަލްޕިންޑީގައެވެ.