30 Jul 2019, 00:16
އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް 4000 އެނދު ތަރައްގީ ކުރުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމްގެ ފަސްވަނަ މާސްޓާޕްލޭންގެ މަސައްކަތް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އައްޑޫ ސިޓީއަށް މި ސަރުކާރުން ވައުދުވީ 8000 އެނދުގެ ތެރެއިން ދެބައިކުޅަ އެއްބައި އެނދުގެ ހުއްދަ މާދަމާ ދޭނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ރަށު ފަތުރުވެރިކަން ތަރައްގީ ކުރުމަށް 11 ސަރަހައްދަކުން ބިން ދޫކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވައިފައެވެ. އެ 11 ސަރަހައްދުގެ ތެރޭގައި އައްޑޫ ސިޓީގެ ހަ ރަށެއްވެސް ހިމެނެއެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫގެ އިތުރުން ރައީސް މިރޭ އިއުލާނު ކުރެއްވި އެހެން ސަރަހައްދު ތަކުގައި ފަތުރުވެރިކަން ކުރިއަރުވައި ރާއްޖޭގައި ފަތުރުވެރިކަން ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރަން މަސައްކަތް ކުރެވޭނެ ކަމަށެވެ.
ފަތުރުވެރިކަން ތަރައްގީ ކުރުމަށް ނިންމާ، ރައީސް މިރޭ އިއުލާނު ކުރެއްވި ސަރަހައްދުތަކަކީ: ހއ. ފިއްލަދޫން ދައްޕަރު ސަރަހައްދު، ހއ. އުލިގަން، އަދި ހއ. ކެލާގެ އިތުރުން، އައްޑޫ ސިޓީގެ ހަ ރަށަކާއި، ލ. ގަމާއި ފުވައްމުލަކު ތުނޑީ ސަރަޙައްދު
ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންނަށް އޮތް އެންމެ ރައްކާތެރި ގައުމަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމުގެ ފެށުމަކީ މިރޭ އިފްތިތާހު ކުރެވުނު ޓޫރިސްޓު ސްކައުންޓުންނާއި ސޭފްޓީ ބޯޑުތައް ހަރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ޓޫރިސްޓު ހިދުމަތްދޭ ތަންތަނުގައި 38 މަރުގެ ހާދިސާ ހިނގާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަލީވަހީދު ވިދާޅުވީ ޓޫރިސްޓު ފެސިލިޓީތައް އިންސްޕެކްޓުކޮށް ސޭފްޓީ ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކާއެކު އެކްސިޑެންޓުތަކުގައި ފަތުރުވެރިން މަރުވާ އަދަދު 20 އަށް މަދު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޓޫރިސްޓު ފެސިލިޓީތައް އިންސްޕެކްޓު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ސެޕްޓެމްބަރު 27 އަށް ނިންމާލެވޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.
އަލީވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ އާ މާސްޓާޕްލޭން އަންނަ އަހަރުގެ ކުރިކޮޅު ލޯންޗު ކުރެވޭނެ ކަމަށާއި އެއްވެސް ސިޔާސީ މޯޓިވެއްނެތި އެކުލަވަލާ މި ޕްލޭނާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާދާނީ މުޅި ރާއްޖެ ޝާމިލުވާނެ ގޮތަށް ކަމަށެވެ.
"އާ ސަރުކާރު އައިފަހުން 4،699 އެނދު އަޅުގަނޑުމެން ތައާރަފުކޮށްފިން. އަޅުގަނޑުމެންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އިންޑަސްޓްރީގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރެވޭނެ،"
އަލީވަހީދު ވިދާޅުވީ 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ކަނޑައެޅި ޓާގެޓު މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ހާސިލްވާނެ ކަމަށެވެ.
"ސަރުކާރުން ވައުދުވި 35،000 އެނދު 2022 ވަނަ އަހަރުގެ ފަހުކޮޅު ބްރޭކް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.