01 Nov 2011, 10:48
ފްރާންސް ޗެމްޕިއަން ލިލޭ އިން ވަކިވެ ބޮޑު ކުލަބަކަށް ބަދަލުވާން ބޭނުންވި ނަމަވެސް ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އާއި ނުގުޅޭނެ ކަމަށް އެޑެން ހެޒާޑް ބުނެފި އެވެ.
އުމުރުން 20 އަހަރުގެ ބެލްޖިއަމް ފޯވާޑް ހެޒާޑް ހޯދުމަށް ޔޫރަޕުގެ ބޮޑު ކުލަބުތަކަކުން މަސައްކަތް ކުރަމުންދެ އެވެ. އެގޮތުން ޖަރުމަނުގެ ބެޔާން މިއުނިކާއި އިޓަލީގެ އިންޓަމިލާނާއި އިނގިރޭސި ވިލާތުގެ އާސެނަލްގެ އިތުރުން ޗެލްސީ އިން ވެސް ހެޒާޑް ހޯދުމަށް މަސައްކަތް ކުރަމުން ދެ އެވެ. މިކުލަބުތަކުން ހެޒާޑް ދިއުން އެންމެ ގާތީ ޗެލްސީ އަށް ކަމަށް ލިލޭ ގެ އެކެޑަމީ ޑިރެކްޓަރު ޖީން މިޝެލް ވެންޑޭމް ބުނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
ލިލޭ އާއި އެކު އާ ކޮންޓްރެކްޓެއްގައި ހެޒާޑް ސޮއިކުރީ މި އަހަރުގެ ކުރީކޮޅެވެ. މި ކޮންޓްރެކްޓްގައިވާ ގޮތުން ލިލޭ އަށް ހެޒާޑް ކުޅޭނީ 2015 ވަނަ އަހަރާއި ހަމައަށެވެ. ނަމަވެސް ހެޒާޑް މިހާރު ހުރީ އެކުލަބުން ވަކިވެ ބޮޑު ކުލަބަކަށް ބަދަލުވުމަށް ތައްޔާރަށެވެ.
"ކުލަބުން ވަކިވެ ކެރިޔަރުގައި ކުރިއަށް ދާން ދެން ބޭނުމީ ބޮޑު ކުލަބަކާއި އެކު. އެހެން ނަމަވެސް މިސީޒަން ނިމެންދެން ލިލޭ އާ އެކު މަޑުކުރަން ބޭނުން. މިކުލަބުގައި ހުރެ ސާބިތުކޮށްދޭން ޖެހޭ ކަންތައްތަކެއް އަދި އެބަހުރި." ހެޒާޑް ބުންޏެވެ.
ގިނަ ހަރަދުތަކެއް ކުރަމުންދާ ޕީއެސްޖީ އިން ހެޒާޑް އަށް 43 މިލިޔަން ޕައުންޑްގެ އަގެއް ހުށަހަޅާފައިވާ ކަމަށް ފްރާންސްގެ ރިޕޯޓްތަކުން ބުނެ އެވެ. ނަމަވެސް ޕީއެސްޖީ އަށް ސޮއިކުރަން ބޭނުން ނުވާކަމަށް ހެޒާޑް ބުނެފައިވެ އެވެ.
"ޕެރިސް އަކީ އަހަރެން ދާން ބޭނުންވާ ސިޓީއެއް. އެކަމު މިވަގުތު ދާކަށް ބޭނުމެއް ނޫން. ފްރާންސްގެ އެހެން ޓީމަކަށް ބަދަލުވެ، ލީގުގެ އެހެން ކުލަބެއް ވަރުގަދަ ކުރުވާކަށް ބޭނުމެއް ނޫން. އެއީ ރަނގަޅު ގޮތަކަށް ނުވާނެ." ހެޒާޑް ބުންޏެވެ.
މިސީޒަނުގައި ހެޒާޑް ވަނީ ލިލޭ އަށް ކުޅުނު ބާރަ މެޗުން ހަތަރު ލަނޑު ކާމިޔާބު ކޮށް، ހަތަރު ލަނޑު ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެ ދީފަ އެވެ.