29 Jul 2019, 23:23
ސަރުކާރު ވައްޓާލެވިދާނެ ކަމަށާއި، ނަމަވެސް ވައްޓާލިޔަސް އެނބުރި އައިސް އެމްޑީޕީ އިން ރައްޔިތުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓުއަރިޒަމް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ "ޖަޒީރާ ރާއްޖެ - މަގޭ ރާއްޖެ" ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރު ހިންގުމަކީ ގުދުރަތުން ދެއްވާފައިވާ ނިއުމަތް ހާނައިގެން، އޭގެން ދިރިއުޅުމުގެ ތަނަވަސްކަން ހޯދުން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއިން އެޖެންޑާ 19 އެކުލަވާލައި، އަލުން ވެރިކަން ހޯދީ ރައްޔިތުންގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ، ރައްޔިތު މީހާގެ ޖީބަށް ވަންނަ އާމްދަނީ އިތުރުކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން ވައްޓާލެވިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އެނބުރި އަންނާނަން. އެނބުރި އައިސް ހަމަ މި ވާހަކަ އަނެއްކާ އަޅުގަނޑުމެން ދައްކާނަން. ތަކުރާރުކޮށް ދައްކަން އޮތީ ވެސް ހަމަ އެއް ވާހަކައެއް. ޖީބަށް ވަންނަ އެއްޗެއް އިތުރުވާން ޖެހޭ ވާހަކަ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިހާރު ތިބި ލީޑަރުން ނެތިގެން ދިޔަސް، އެމީހުންގެ ދަރިން ވެސް ކުރާނީ ހަމަ އެއް މަސައްކަތެއް ކަމަށާއި، ރައްޔިތުން އުންމީދު ކުރާ ދިވެހިރާއްޖެ މި ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.
އަދި އެމްޑީޕީ އިން ދިވެހި ރައްޔިތުންނަށް ހޯދައިދޭނެ އެންމެ ބޮޑު، އެންމެ ރަނގަޅު ހައްގަކީ ލާމަރުކަޒީ ނިޒާމު ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ރިސޯޓު ފަހަރު ހެދުން ވެސް އަދި ރަށްތައް ތަރައްގީ ކުރުން ވެސް އެންމެ ބޮޑަށް ގުޅިފައި އޮތީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ.
އަދި ބޮޑު ރަށެއް ހިއްކައިގެން، ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްތަނަކަށް ގެނައުމަކީ ތަރައްގީ ކަމަށް އެ ޕާޓީ އިން ގަބޫލުނުކުރާ ކަމަށާއި، ޖަޒީރާ ރާއްޖެ ގެނައީ ވެސް އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން ބުނީ ނޫނެކޭ މީ ޖަޒީރާ ރާއްޖެ އޭ. މީ ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ރާއްޖެ އެކޭ. މީކީއެއް އެއް ބައްރަކަށް އޮންނަ ތަނެއް ނޫނޭ. މިތަނަށް ހުރިހާ އެންމެން ގެނެސްގެނެއް މިތަނުގައި އެމީހުން އަވަދި ކުރަން އުޅޭނެ ކަމެއް ނެތޭ،" ނަޝީދު ވިދާޅުވިއެވެ.