29 Jul 2019, 23:00
ބަޔަކު ކުށްވެރިކޮށް ޖޫރިމަނާ ކުރުމަށްވުރެ ސަރުކާރަށް މުހިއްމީ ވިޔަފާރިވެރިންނަށް ލުޔެއްދީ، ނުހެދި ހުރި ރަށްތައް ވީހާވެސް އަވަހަކަށް ހުޅުވިގެންދިޔުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމްގެ ފަސްވަނަ މާސްޓާ ޕްލޭންގެ މަސައްކަތް ފެށުން އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު ފަތުރުވެރިކަމުން ދައުލަތަށް ލިބުނު ފައިސާތަކަކީ ވަކި ބަޔަކު ނާޖާއިޒު ގޮތުގައި ބޭނުންކުރަމުންދިޔަ ފައިސާތަކެއް ކަމަށެވެ.
"ފަތުރުވެރިކަމަށް އިންވެސްޓް ކުރި އަނެއްބަޔަކު ތިބީ، ސަރުކާރުން ކުރި ޖޫރިމަނާތަކާހެދި ދަރަނިވެރިވެ، ގޮތް ހުސްވެފައި. ރިޒޯޓް ހަދަން ދޫކުރި 70 ވަރަކަށް ރަށް، ނުނިމި އޮންނަތާ އެތައް އަހަރެއް ވެއްޖެ،" މިއާއެކު ސަރުކާރަށް މުހިއްމީ ބަޔަކު ކުށްވެރިކޮށް ޖޫރިމަނާ ކުރުން ނޫން ކަމަށް ރައީސް ވިިދާޅުވިއެވެ.
"ދެވެން އޮތް ލުޔެއް ދީގެންވިޔަސް، ވީހާ އަވަހަކަށް އެ ރަށްތައް ހުޅުވޭނެގޮތްވުން މާ މުހިންމު. ފަތުރުވެރިކަން ކުރިއެރުވޭނީ، މި ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް، މިހާރު ދިމާވާ ދަތިތައް ހައްލުކޮށްދީ، ލުއި ގޮތްތައް ހޯދައިދީގެން،" ރައީސް ވިދާޅުވީ އަމާޒަކީ ސަރުކާރާއި، ފަތުރުވެރި ވިޔަފާރިވެރިން ގުޅިގެން، މިކަންކަން ހައްލުކޮށް ފަތުރުވެރިކަން ކުރިއެރުވުން ކަމަށެވެ.
ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދީފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.