ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަފްތަރު އިފްތިތާހް ކޮށްފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ "ޖަޒީރާ ރާއްޖެ - މަގޭ ރާއްޖެ" ހަފްލާގައި އެ ދަފްތަރު އިފްތިތާހްކޮށްދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިރޭ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަފްތަރު އިފްތިތާހް ކޮށްފައި ވަނީ އައިޑީ އެއްގެ ސިފައިގައެވެ.

އެ އެޕް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާގެ ތަފާސް ހިސާބުތައް ބަލައި، މައްސަލަތައް ރިޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދަފްތަރު މުޅިން އެކުލަވާލައި ނިމޭނެ ކަމަށެވެ.

"އޭރުން ފަތުރުވެރި މުވައްޒަފުންގެ ހާލަތު ދެނެގަނެވި، އެމީހުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ޖަލްސާގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރުގެ މޭޑޭ އާ ދިމާކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފޯނުގައި އޮންނަ އެޕަކަށް އެ ދަފްތަރު ވެގެންދާނެ ކަމަށެވެ.

ދަފްތަރު އިފްތިތާހް ކޮށްދެއްވުމަށްފަހު ނަޝީދު ދެއްކެވި ވާހަކައިގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދީ، ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމާ ސަރުކާރެއް ހަވާލުވެ މި ތިބެނީ ހަމަ އެންމެ ބޭނުމަކަށްޓަކައި، ރާއްޖޭގެ ފައިދާ އާއި މަންފާއަށްޓަކައި. މި ރާއްޖޭގެ ވެރިކަން އަބަދުވެސް ހިނގަމުންދާނީ މި ރާއްޖޭގެ ރައްޔިތުންނަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު ދެކެމުން މިދާ ތަރައްގީ އާއި މުއްސަނދިކަމަކީ "މޯލްޑިވްސް ވިއްކައިގެން" ހޯދާފައިވާ ތަރައްގީ ކަމަށެވެ.

"އެ ޓުއަރިޒަމް އިން އަޅުގަނޑުމެން މި ހޯދާ ފައިދާ އެއް މި ހޯދަނީ. އެ ޓުއަރިޒަމް އިން އަޅުގަނޑުމެންގެ އިޖްތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް މި ފޯރުކޮށްދެނީ. އާސަންދަ ވެސް. މަތީ ތައުލީމުގެ ލޯނު ވެސް. ކުޑަކުދިންގެ ނާސްތާ ވެސް. ބޯހިޔާވަހިކަން ވެސް. އަޅުގަނޑޫމެން ދޭ އެއްޗެއް މި ދެނީ ރިސޯޓު ވިޔަފާރީގެ ފައިދާ އިން،" ނަޝީދު ވިދާޅުވިއެވެ.