ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްގީ ކުރެވެނީ ފަތުރުވެރި ދިވެހި މުވައްޒަފުންގެ ކަންބޮޑުވުންތައްވެސް އަޑު އަހައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަގާމުގެ ނިސްބަތުން ބަލާއިރު ބައެއް ރިސޯޓުތަކުގައި ދިވެހިންނާއި ބިދޭސިންނާ ދެމެދު މުސާރައިގެ ތަފާތު ކުރުން ގެންގުޅުން ކަމަށެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްގީ ކުރެވޭނީ، ފަތުރުވެރި ދިވެހި މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައިގެން. އެމީހުންގެ އެންމެ ބޮޑު ޝަކުވާއަކީ، މަގާމުގެ ނިސްބަތުން ބަލާއިރު، ބިދޭސީންނާއި ދިވެހިންނާ ދެމެދު، ބައެއް ރިޒޯޓްތަކުގައި މުސާރައިގެ ތަފާތުކުރުން ގެންގުޅުން. އަނެއްކަމަކީ، ފަތުވެރިކަމުގެ މަތީ ވަޒީފާތައް، ދިވެހީންނަށް ލިބުން މަދުވުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިޔަސް، އެންމެންގެވެސް ކަންބޮޑުވުމަކީ ލިބޭ އާމްދަނީ ކަމަށެވެ. ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމްއިއްޔާއިން މި އަހަރަށް ކަނޑައެޅި ޝިއާރުވެސް އަމާޒުކޮށްފައިވަނީ މި ކަންބޮޑުވުން ހައްލު ކުރުމަށް ކަމަށާއި މި ސަރުކާރުން މަަސައްކަތްކުރަނީ ރައްޔިތުމީހަގެ ޖީބު ތިޔާގި ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، މުޖްތަމައުގެ ތިޔާގިކަން އިތުރުވެގެންދާނީ، ވަކިވަކި ފަރުދުންގެ ޖީބަށް އެނގުން ވެގެންނޭ. އާއިލާތަކަށް އުފާވެރިކަން ލިބޭނީ، ފަތުރުވެރި މުވައްޒަފުންނަށް ލިބޭ އެއްޗެއް އިތުރުކުރެވިގެންނޭ. އެހެންވީމާ، މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ، ސީދާ ރައްޔިތު މީހާގެ ޖީބު،" ރައީސް ވިދާޅުވިއެވެ.