01 Nov 2011, 10:45
މިއަހަރުގެ ފީފާ ބެލޮން ޑީ'އޯ އެވޯޑު ވެސް ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަށް ލިބުމަށް އެދޭކަމަށް އުދިނޭސީގެ އިޓަލީ ފޯވާޑް އެންޓޯނިއޯ ޑި ނަޓާލޭ ބުނެފި އެވެ.
މި އަހަރުގެ އެވޯޑަށް ނޮމިނޭޓްވި 50 ކުޅުންތެރިންގެ ލިސްޓުގައި ޑި ނަޓާލޭގެ ނަން ހިމެނުން ކަމަށް ރިޕޯޓްތަކުން ފާހަގަކުރުމުން އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފީފާ ބެލޮން ޑީ'އޯ އެވޯޑަށް ނޮމިނޭޓްވާ ކުޅުންތެރިންގެ ލިސްޓު ހާމަކުރަން ހަމަޖެހިފައި ވަނީ މިއަދު އެވެ. ނަމަވެސް ގިނަ ރިޕޯޓްތަކުން ހާމަކުރާ ގޮތުގައި މިލިސްޓުގައި ހިމެނޭ ހަމައެކަނި އިޓަލީ ކުޅުންތެރިއަކީ ޑި ނަޓާލޭ އެވެ.
"ބެލޮން ޑީ'އެވޯޑު މެސީ އަށް ލިބެން އަހަރެން އެދެނީ. އެއީ އޭނާ އަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއަކަށް ވާތީ. އޭނާ އަކީ މެޗެއްގެ ކޮންމެ ހިސާބަކުން ވެސް ނަތީޖާ ބަދަލު ކޮށްލެވިދާނެ ފަދަ ކުޅުންތެރިއެއް. އޭގެ އިތުރުން އޭނާ އަކީ އާޖެންޓީނާ ކުޅުންތެރިއަކަށް ވާތީ އެއެވޯޑު މެސީ އަށް ލިބުމަށް އެދެނީ. އެއީ އަހަރެން ކުޑަ އިރުއްސުރެ ސަޕޯޓުކުރާ މެރަޑޯނާ އަކީ ވެސް އެގައުމުގެ ކުޅުންތެރިއަކަށް ވާތީ. މިއެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގައި އަހަރެން ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނަމުންދާތީ އުފާކުރަން." ޑި ނަޓާލޭ ބުންޏެވެ.
މިދިޔަ ސީޒަނުގައި އިޓަލީ ލީގުގެ ގަދަ ހަތަރަކަށް އުދިނޭސީ އެރުވުމަށް އުމުރުން 34 އަހަރުގެ ޑި ނަޓާލޭ ދައުރު ވަރަށް ބޮޑެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އުދިނޭސީ 28 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.