29 Jul 2019, 23:01
ލަންޑަން (ޖުލައި 29): އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި އޭނާގެ ގާލް ފްރެންޑް ކެރީ ސިމޯންޑްސް ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ދިރިއުޅުއްވުން ބަދަލުކުރެއްވުމުގެ ކަންތައް ކުރިޔަށްދާ ކަމަށް ޖޯންސަންގެ އަންހެން ތަރްޖަމާނަކު ވިދާޅުވެއްޖެއެވެ.
ތަރްޖަމާން ވިދާޅުވީ ޓެން ޑައުނިން ސްޓްރީޓްގައި ހުންނަ އިނގިރޭސި ބޮޑުވަޒީރު ގެ ރަސްމީ ގެކޮޅަށް ޖޯންސަން އާއި އޭނާގެ ގާލް ފްރެންޑް ކެރީ ސިމޯންޑްސް ބަދަލުވެ ވަޑައިގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވެ ނިމިފައިވާ ކަމަށާ އެދެބޭފުޅުން ހޯމަދުވަހު އެތަނަށް ބަދަލުވެ ވަޑައިގަންނަވާނެ ކަމުގައެވެ.
ޖޯންސަންއަކީ ފާއިތުވި ފަންސާސް އަހަރު ތެރޭގައި އަނބިކަނބަލަކާ ނުލައި (ކައިވެނި ނުކުރާ އަންހެން ބައިވެރިއަކާއެކު) އިނގިރޭސި ބޮޑުވަޒީރު ގެ ރަސްމީ ގެކޮޅަށް ވަދެވަޑައިގަންނަވާ ހަމައެކަނި ބޮޑުވަޒީރު ކަމަށް ލަންޑަންގައި ނުކުންނަ ނޫސްތައް ބުނެއެވެ.
އުމުރުން 55 އަހަރުގެ ޖޯންސަންވަނީ އޭނާގެ އަނބިކަނބަލުން މަރީނާ އާ ކައިވެނި ކުރައްވައިގެން 25 އަހަރު އުޅުއްވުމަށްފަހު ދާދިފަހުން އޭނާއާ ވަކިވެ ވަޑައިގެންފައެވެ. ނަމަވެސް ރަސްމީކޮށް ވަރީގެ ކަންތައް ނިންމިކަން އަދި ސާފުވެފައެއް ނުވެއެވެ. ޖޯންސަން އާއި މަރީނާގެ ހަތަރު ބޭފުޅުން ތިބޭއިރު އެބޭފުޅުން ވަނީ ބޮޑުވެފައެވެ.
ޖޯންސަންއަކީ ގިނަ ކަންކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ހަރުކަށި ޕޮޕިއުލިސްޓް ފިކުރު ގެންގުޅުމުގެ އިތުރުން ދެކޮޅު ނުޖެހޭ ހެއްވާ ބަޔާންތައްވެސް ދެއްވާ ބޭފުޅެކެވެ. ޖޯންސަން ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޥާދަކުރެއްވި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނަކީ ނަރުހަކަށް ނޫން އެހެން އެއްވެސް ކަމަށް ކަމުދާ ބޭފުޅެއް ނޫންކަމަށް ސިފަކުރައްވައި 2016 ވަނަ އަހަރު ވާހަކަ ދައްކަވާފައެވެ. އެކަމުގެ ސަބަބުން އެދުވަސްވަރު ޖޯންސަން ހޫނު ފެނަށް ވެއްޓިގެން ދިޔައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ކުރައްވާފަދަ މީހުން އަޅައިގަންނަ ބާވަތުގެ ހަރުކަށި ޓްވީޓްތައް ކުރައްވުމާއި ސިޔާސީ ބޭބޭފުޅުންގެ ޒާތީކަންކަމާ ބެހިވަޑައިގަތުމަކީ އުފަލެއްކަމަށް ޖޯންސަން ދެކެވަޑައިގަންނަވައެވެ. މިކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ ހަރުކުލައިގެ ކަމުވޮށިގެންވާ އިލްމީ ފަރާތްތަކުން ދެކެނީ ޖޯންސަންއަކީ ސިޔާސީ މައިދާނުގައި ތަސައްރަފް ނުފުދޭ ބޭފުޅެއްގެ ގޮތުގައެވެ. ޖޯންސަންގެ ބޮޑުވަޒީރު ކަމުގައި ތަސައްރަފް ނުފުދޭ އަދި މުޖްތަމައަށް ޖޯކަކަށް ވާބާވަތުގެ އެތަށް ކަމެއް އޭނާ ކުރައްވާތަން ބަލަން ގިނަ ބަޔަކު އިންތިޒާރުގައި ތިބި ކަމަށް އިނގިރޭސި ބައެއް ނޫސްތަކުން ބުނެއެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ މައްސަލާގައި ޖޯންސަން ގެންގުޅުއްވާ ހަރުކަށި ސިޔާސަތަށް ކޮންޒަވެޓިވް ޕާޓީގެ އިސް ބައެއް ބޭފުޅުންވެސް ތާއީދެއް ނުކުރައްވައެވެ. ބްރެކްސިޓްގެ މައްސަލާގައި ނެގި ފެންނަ ނުފެންނަ ވޯޓަށް ކޭންޕޭން ދުވަސްވަރު ޖޯންސަންވަނީ ޔޫރަޕްގެ އިއްތިޙާދަކީ މުޅި ޔޫރަޕް އިސްތިއްމާރު ކުރުމަށްޓަކައި ޖަރުމަނުގެ ކުރީގެ ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރު ގެންގުޅުއްވި ފިކުރުގެ ތެރެއިން ޖަރުމަނު ލީޑު ކުރާގޮތަށް މަކަރުވެރި ގޮތެއްގައި އުފެއްދި ޖަމާއަތެއްކަމަށް ސިފަކުރައްވާފައެވެ.
ޖޯންސަން ދެކެވަޑައިގަންނަވަނީ ޔޫރަޕްގެ އިއްތިޙާދަކީ ކޮންމެ އަގެއް ދައްކައިގެންވެސް އިނގިރޭސިވިލާތް އެތަނުން ވަކިވާންޖެހޭ ޖަމާއަތެއްގެ ގޮތުގައެވެ. ޔޫރަޕްގެ އިއްތިޙާދުގެ ސަބަބުން އިނގިރޭސިވިލާތުގެ ހައިބަތު ގެއްލިގެންދާ ކަމަށް ޖޯންސަން ދެކެވަޑައިގަންނަވައެވެ.
އެއްބަސްވުމަކާނުލައިވެސް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާން ޖޯންސަން ބޭނުންފުޅުވާއިރު އެއީ އިނގިރޭސިވިލާތަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ކޮންޒަވެޓިވް ޕާޓީގެ އިސްއެތަށް ބޭފުޅުންނެއް ދެކެވަޑައިގަންނަވައެވެ. އެހެންކަމުން ޖޯންސަން ގެ ބޮޑުވަޒީރުކަން މާގިނަ ދުވަސްތަކަށް ދެމިގެން ނުދާނެކަމަށް އިނގިރޭސި ބައެއް ނޫސްތައް ބުނެއެވެ. (އިނގިރޭސި މީޑިއާ)