އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި އިންޑޮނޭޝިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖަމާހު އަންޝަރުތު ދައުލަތް (ޖޭއޭޑީ)އަށް ރާއްޖޭގެ ބަޔަކު ފަންޑު ކުރި ކަމަށް އެގައުމުގެ މީޑިއާއަކުން ރިޕޯޓުކޮށްފި އެވެ.

އިންޑޮނޭޝިއާގެ ފުލުހުންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ދެޑީ ޕްރަސެޓުޔޯއާ ހަވާލާދީ ޖަކާޓާ ޕޯސްޓުގައިވާ ގޮތުން އެމައްސަލަ ފެންމަތިވީ ޓެރަރިޒަމްގެ ތުހުމަތުގައި އެގައުމުން މިދިޔަ ހަފްތާގައި މީހަކު ހައްޔަރު ކުރުމުންނެވެ. އަދި ވެސް އެ ނޫހުގައި ބުނެފައި ވަނީ، އޭނާއަށް ފައިސާ ލިބުނީ ޖޭއޭޑީއާ ގުޅުން ހުރި މީހެއްގެ ފަރާތުން ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ޖަކާޓާ ޕޯސްޓުގައިވާ ގޮތުން ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި ޖޭއޭޑީއާ ގުޅުން ހުރި މީހާއަށް ވަނީ އައިއެސްއާ ގުޅުން ހުރި 12 މީހެއްގެ ފަރާތުން 29،569 ޑޮލަރު ލިބިފަ އެވެ. އަދި އެފައިސާ ފޮނުވާފައި ވަނީ ވެސްޓާން ޔޫނިއަން މެދުވެރިކޮށް މާޗް 2016 އާއި ސެޕްޓެމްބަރު 2017އާ ދޭތެރޭގައި ކަމަށް އެ ނޫހުގައިވެ އެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ފައިސާ ފޮނުވި މީހުންގެ ތެރޭގައި ރާއްޖެ އާއި ޓްރިނިޑޭޑް އެންޑް ޓޮބޭގޯ އާއި ޖަރުމަނާއި ވެނެޒުއޭލާ އާއި މެލޭޝިއާއަށް ނިސްބަތްވާ މީހުން ހިމެނެ އެވެ.

ދެޑީ ވިދާޅުވި ގޮތުގައި އެމައްސަލަ ތަހުގީގު ކުރުމަށް އެގައުމުތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމައްސަލައާ ބެހޭ މައުލޫމާތު އިންޑޮނޭޝިއާގައި ހުންނަ، އެ ފަސް ގައުމުގެ އެމްބަސީއާ ހިއްސާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި އެފައިސާ ބޭނުން ކުރީ ޓެރަރިޒަމްގެ އަމަލުތަކަށް ފަންޑު ކުރުމަށެވެ. އެގޮތުން ބޮން ހެދުމަށް ބޭނުންވާ ތަކެތި ގަތުމަށާއި ހަމަލާ ދޭ މީހުންގެ ދަތުރުފަތުރަށް އެފައިސާ ބޭނުންކޮށްފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.