01 Nov 2011, 10:27
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ކޮމޮންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރޭލިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ރޭ މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މާލޭ ރަސްމީ ފާލަމުން މަރުޙަބާ ދެންނެވީ، މާލޭ ސިޓީގެ މޭޔަރު މައިޒާން ޢަލިމަނިކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބައެއް ބޭފުޅުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލޭ ރަސްމީ ފާލަމުގައި ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ދަތުރުފުޅުގެ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން، މިއަހަރުގެ ކޮމޮންވެލްތު ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓެއް ކަމުގައި ވިދާޅުވި އެވެ. އެގޮތުން ކޮމަންވެލްތަށް އިޞްލާޙު ގެނައުމުގެ ވަރަށް ގިނަ ކަންކަމާ މަޝްވަރާ ކުރެއްވި ކަމަށާއި މީގެ ތެރެއިން ގިނަ އިޞްލާޙުތައް ކޮމޮންވެލްތުގެ ވެރިން ބަލައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މިފަހަރުގެ ކޮމޮންވެލްތު ސަމިޓުގައި ދިވެހިރާއްޖެ އަށް ލިބުނު ފުރްޞަތުތައް ރަނގަޅުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ސަމިޓަށް ފަހު އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ޖޫލިޔާ ގިލާޑް ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު، ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު، ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވި އެވެ.