29 Jul 2019, 18:39
ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކޮށްފި އެވެ.
ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅުއެވެ.
މިހާރު އެތަނުގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކޮށް، ބޭރުގައި އިން ނަން ބޯޑު ބަދަލުކުރުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް މުޅިން ނިމިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިޓީ މޭޔަރު ޝަމާއު ޝަރީފު 'ސަން' އަށް ވިދާޅުވީ ލިޔެކިޔުމުން ޕާކުގެ ނަން ސަލްޓަން ޕާކަށް ބަދަލުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
"ނަމަވެސް ބަޖެޓުގެ ތާށި ކަމާ ހެދި އަޅުގަނޑުމެންނަށް އަދިކިރިޔާ ނަން ބޯޑު ރަސްމީކޮށް ބަދަލު ކުރެވޭ ގޮތް މިވީ،" ޝަމާއު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް ރަސްކަން ނިމުމާއެކު، އޭރުގެ ގަނޑުވަރު ހުރި ބިމުގައި ގަސް އިންދައި، ޕާކެއްގެ ގޮތުގައި އެތަން ހުޅުވީ 1968 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.
ގާތްގަނޑަކަށް 50 އެއްހާ އަހަރު ވަންދެން "ސަލްޓަން ޕާކު"ގެ ނަމުގައި އޮތް އެ ޕާކުގެ ނަން "ރަސްރަނި ބަގީޗާ"އަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ޔާމީނުގެ ސަރުކާރުން ވަނީ އެތަނަށް ބޮޑެތި އަދި ޒަމާނީ ބަދަލުތަކެއް ގެނެސް، އެތަން ވަރަށް ފުރިހަމައަށް ތަރައްގީވެސް ކޮށްފައެވެ.