މާދަމާ ފާހަގަ ކުރާ ބައިނަލްއަގުވާމީ ރަހްމަތްތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ބާއްވާ އަތުގުޅާލުމުގެ ހަރަކާތް ކުރިއަށް ގެންދަން މާދަމާ ހަވީރު ރިންގްރޯޑުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރިންގްރޯޑުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި ވަނީ މާދަމާ ހަވީރު 16:30 ން އިރުއޮށްސި 18:00 އަށް ކަމަށެވެ.

އަދި އެގޮތަށް ހަމަޖައްސާފައި ވަނީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން މާލޭ ސިޓީ ކައުންސިލުން ދޭންޖެހޭ ހިދުމަތެއް ކަމުގައި ވާތީ ކަމަށް އިއުލާނުގައިވެ އެވެ.

އެހެންކަމުން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ އިތުރުން މިއަދު އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް ފިޔަވައި އިތުރު އިންޖީނުލީ އުޅަނދެއް ދުއްވުމަކީ މަނާކަމެކެވެ.

އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ އެވެ.

އަތުގުޅާލުމުގެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާ ހަވީރު 16:45 ން ފެށިގެންނެވެ. މާލޭގައި ހަރަކާތް ކުރިއަށް ގެންދާނީ މާލޭ ވަށައިގެންވާ ބޮޑުތަކުރުފާނު މަގާއި ރިންގްރޯޑުގައެވެ.

ރަށް ރަށުގައި މި ހަރަކާތް ކުރިއަށް ގެންދާނީ އެކަމަށްޓަކައި އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައެވެ.

އަތުގުޅާލުމުގެ ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ދިވެހިންނާއި ރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ މީހުން އެއް ވަގުތެއްގައި އެއް ތަނަކުން ދިމާވެ އެކަކު އަނެކެއްގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުން ކަމަށް ހަރަކާތް އިންތިޒާމު ކުރާ ހޯމް މިނިސްޓްރީ އިން ބުނެއެވެ.

ހަރަކާތުގައި ރައީސްގެ ދެކަނބަލުންނާއި، ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގައި ތިބޭ ބޭރުގެ ސަފީރުންނާއި، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބައިވެރިވާނެއެވެ.

ހޯމް މިނިސްޓްރީ އިން ބުނީ ބޮޑުތަކުރުފާނު މަގާއި ރިންގްރޯޑުގައި އަތުގުޅާލުމަށް ގާތްގަނޑަކަށް 5500 މީހުން ބޭނުންވާ ކަމަށެވެ. އެހެންކަމުން މި ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ހޯމް މިނިސްޓްރީ އިން އެދެއެވެ.