ކުވޭތުގެ މަޝްހޫރު ކުންފުންޏަކުން އައްޑޫ ސިޓީގައި ތައުލީމީ ދާއިރާއަށް އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އައްޑޫ ސިޓީގައި އިނވްސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ކުވޭތުގެ ކުންފުންޏެއް ކަމަށްވާ އަލް ޖެރީ ހޯލްޑިންގްސް އެވެ. އެ ކުންފުނީގެ 20 ސްކޫލު މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެ އެވެ.

އެ ކުންފުނީގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ އައްޑޫ ސިޓީގެ ކައުންސިލްގެ މެމްބަރުންނާވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލް ޖެރީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އައްޑޫގައި އިންވެސްޓް ކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކޮށް އައްޑޫގެ ތަރައްގީގެ ޕްލޭން އެ ކުންފުނީގެ ބޭފުޅުން ބެއްލެވި ކަމަށެވެ.

" އިންވެސްޓްކުރަން ޕްރޮޕޯސަލް ތަކާ އެއްޗެތި ހުށަހަޅަން ޖެހޭ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުއްވި." ސޯދިގް ވިދާޅުވިއެވެ.

ސޯދިގް ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ ޕްލޭންގައިވެސް އެ ސިޓީގައި ކޮލެޖުތަކާއި އަދި ސްކޫލުތައް އެޅުމަށް ހިމަނާފައިވާ ކަމަށެވެ.