29 Jul 2019, 16:47
ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރުގެ މަރުގެ އިސްތިއުނާފް މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ދެން އޮންނަ އަޑުއެހުމެއްގައި ކަނޑައަޅާނެ ކަމަށް އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ބުނެފިއެވެ.
ވަޅިން ހަމަލާދީ އަހުސަން ބަޝީރު މަރާލާފައި ވަނީ މީގެ އަށް އަހަރު ކުރިން މާޗު، 16، 2011 ވަނަ ދުވަހުގެ ރޭ މެންދަމު 3:20 އެހައިކަންހާއިރު އަލިކިލެގެފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
އެ މައްސަލައިގައި ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ނޮވެމްބަރު، 23، 2014 ގައެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުން ޑިސެމްބަރު، 29، 2015 ގައެވެ.
މިއަދު ހައިކޯޓުގައި ބޭއްވި ފުރަތަމަ އިސްތުއުނާފީ އަޑުއެހުމުގައި އިސްތިއުނާފު ކުރާ ނުކުތާތައް ހުށަހެޅުމުގެ ކުރިން ދިފާއީ ވަކީލު އިޖުރާއީ ނުކުތާއެއް ނެންގެވިއެވެ. ދިފާއުގެ ފަރާތުން ފާހަގަ ކުރީ، ދައުލަތުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ވަނީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅާދިޔަ ފަހުން، ކުރިމިނަލް ކޯޓުން ހުކުމްކުރިތާ 501 ދުވަސްފަހުން ކަމަށެވެ.
އެހެން ކަމުން އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅާ ދިޔުމުގެ ފަހުން ދައުލަތުން އިސްތިއުނާފުކޮށްފައިވާތީވެ މައްސަލަ ނުބޭލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގަތެވެ.
ދިފާއުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ، މަރިޔަމް ޝަހުމާ ވިދާޅުވީ، ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުން ލަސްވެގެން ދިޔައީ، ކުރިމިނަލް ކޯޓުން ކުރި ހުކުމުގެ ހުލާސާ ރިޕޯޓާއި ޝަރީއަތް ހިނގި ގޮތުގެ ރިޕޯޓު ނުލިބިގެން ކަމަށެވެ. ޝަހުމާ ވިދާޅުވީ، ހުކުމް ކުރިތާ ތިން ދުވަސްތެރޭ އެ ރިޕޯޓުތައް ހޯދުމަށް ސިޓިއަކުން ކުރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އެ ދެ ރިޕޯޓު ޕްރޮސެކުއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ލިބުނީ ހުކުމް ކުރިތާ އަހަރެއްހާ ދުވަސް ފަހުން، ޑިސެމްބަރު 16، 2015 ގައި ކަމަށް ޝަހުމާ ވިދާޅުވިއެވެ.
"ރިޕޯޓުތައް ލިބުނުތާ ބަންދު ދުވަސްތައް ނުހިމަނާ 10 ދުވަސް ތެރޭ، 29 ޑިސެމްބަރު 2015 ގައި ދައުލަތުގެ ފަރާތުން ވާނީ އެ މައްސަލަ އިސްތިއުނާފު ކުރުަމށް ހުށަހަޅާފައި" ދައުލަތުގެ ވަކީލާ، ޝަހުމާ ވިދާޅުވިއެވެ.
މީގެ ކުރިން ގަވައިދު އޮންނަ ގޮތުން މައްސަލަ ނިމޭތާ 90 ދުވަސް ތެރޭ އިސްތިއުނާފު ކުރެވޭނެއެވެ. ނަމަވެސް ޖެނުއަރީ 27، 2015 ގައި ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގެ ދަށުން 10 ދުވަސް ތެރޭ އިސްތިއުނާފު ކުރަން ޖެހެއެވެ. މަގުބޫލު އުޒުރެއް އޮވެ، އެ މުއްދަތު ތެރޭ އިސްތިއުނާފު ކުރުމަށް ހުށަނާޅާފި ނަމަ، ނުވަތަ މައްސަލައިގެ ބާވަތުން އެ މައްސަލަ ކުރިއަށް ގެންދިޔުމުގެ ބާރު ފަނޑިޔާރުންގެ މަޖިލީހަށް އޮވެއެވެ.
ދައުލަތުގެ ވަކީލާ ޝަހުމާ ވިދާޅުވީ، މި މައްސަލައަކީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ އެންމެ ބޮޑު ކުށަށްވީއިރު، މި މައްސަލަ އިސްތުނާފު ކުރެވެން ޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުނގެ ބެންޗުގައި ރިޔާސަތުގައި އިންނެވި މުހައްމަދު ނިޔާޒު ވިދާޅުވީ، ދެން އަންނަ އަޑުއެހުމެއްގައި އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިޔުމާ މެދު ގޮތެއް ކަނޑައަޅުއްވާނެ ކަމަށެވެ. އަދި ގޮތެއް ކަނޑައަޅުއްވާއިރު، މި މައްސަލައަކީ، ޖިނާއީ ބޮޑު މައްސަލައަކަށް ވެފައި، މަރުވި މީހާގެ ހައްގުތަކަށް ވެސް ރިޢާޔަތް ކުރައްވާނެ ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.
މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.
މިއަދު އިސްތިއުނާފީ އަޑުއެހުން ފެށި އިރު، ދައުވާ ލިބޭ ޝަހުމްއާއި ޝިމާޒު ވެސް ވަނީ ދިފާއީ ވަކީލުން ހަމަޖައްސަވާފައެވެ.
ދައުވާ ލިބޭ ޝަހުމް މިހާރު ވެސް ގެންދަނީ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވި މައްސަލައިގައެވެ.
އަދި ޝިމާޒު މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައިނުވާތީ އޭނާ ވަނީ މިނިވަންވެފައެވެ.