29 Jul 2019, 15:50
ދެ އަންބަށް މީހަކާ އިންނައިރު، ފިރިމީހާ އަކީ އޭނާ އިނދެގެން އުޅޭ އަނބިމީހާ އާއި ދަރިންނަށް ހަރަދުކުރާ މީހެއްތޯ ބެލުމަށް، ދޮށީ އަނބިމީހާގެ ބަޔާން ނަގަން ޖެހޭ ގޮތަށް ސުޕްރީމު ކޯޓުން ކަނޑައަޅައިފި އެވެ.
އެ ކޯޓުން މިއަދު ނެރުނު ސާކިޔުލާގައި ބުނީ އެއް އަންބަށް ވުރެ ގިނަ މީހުންނާ ކައިވެނި ކުރާ މީހާއަކީ އަނބިދަރިންނަށް ހަރަދު ކުރާ މީހެއްތޯ ސާފު ކުރުމަށް ކޯޓުތަކުން މީގެ ކުރިން އަނބިމީހާގެ ބަޔާން ނެގި ނަމަވެސް ބައެއް ކޯޓުތަކުން އެކަން އެގޮތަށް މިހާރު ކުރަމުން ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ބައެއް ކޯޓުތަކުން މިހާރު އަމަލުކުރަމުންދާ ގޮތަކީ، ކޯޓުގައި ހަރަދުގެ ރެކޯޑު ނެތް ނަމަ އެއީ އަނބިދަރިންނަށް ހަރަދުކުރާ މީހެއްގެ ގޮތުގައި ބަލަނީ ކަމަށާއި އެފަދަ ހާލަތްތަކުގައި ދެ އަންބަށް ކައިވެނިކޮށްދެނީ ދޮށީ އަނބީގެ ބަޔާނެއް ނުނަގައި ކަމަށް ސާކިޔުލާގައި ބުނެފައިވެ އެވެ.
އެހެންކަމުން އެއް އަންބަށް ވުރެ ގިނަ އަންބަށް ކައިވެނިކުރުމަށް އެދި ކޯޓަށް ހުށަހެޅޭ ހާލަތްތަކުގައި ފިރިހެންމީހާ އަކީ އަނބިދަރިންނަށް ހަރަދުކުރާ މީހެއްތޯ ކަށަވަރުކުރުމަށް އަނބިމީހާގެ ބަޔާން ނަގަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސާކިޔުލާގައިވެ އެވެ.
ދެ އަންބަށް މީހަކާ އިންނަ އިރު ދޮށީ އަންބަށް އެކަން އަންގައި ކޯޓުން އަމަލު ކުރަމުން އައި އުސޫލު ހުއްޓާލީ 2017 ވަނަ އަހަރު އެވެ.