29 Jul 2019, 14:59
ވޮޝިންޓަން (ޖުލައި 29): އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލާގައި އީރާނުގެ މަސްއޫލުވެރިންނާ މަޝްވަރާކޮށް އީރާނުގެ ރައްޔިތުންނާ މުހާތަބު ކުރުމަށްޓަކައި ތެހެރާނަށް ދިޔުމުގެ ފުރުސަތު ދިނުމަށް އީރާނުގެ ކިބައިން އެދުނު އެދުމަށް އެގައުމުން ދެކޮޅު ހަދާފައިވާ ކަމަށް އެމެރިކާގެ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.
ޕޮމްޕެއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދުގައިވާ މައްސަލަތައް ހައްލުކުރުމާބެހޭގޮތުން މަޝްވަރާގެ މޭޒަށް އައުމަށް އީރާން ދެކޮޅު ހަދަމުން ގެންދާއިރު އެމެރިކާގެ ސިޔާސަތު އީރާނުގެ ވެރިންނަށް ހާމަކޮށް އީރާނުގެ ރައްޔިތުންނާ ސީދާ ގޮތެއްގައި މުޚާބަތު ކުރުމަށްޓަކައި ތެހެރާނަށް ދިޔުމުގެ ފުރްސަތު އެމެރިކާގެ ޚާރިޖީ ވަޒީރުގެ ހައިޘިއްޔިތުން އޭނާއަށް ދިނުމަށްވެސް އީރާން ދެކޮޅު ހަދާފައިވާ ކަމުގަ އެވެ. ނަމަވެސް އީރާނުގެ ހާރިޖީ ވަޒީރަށް އެމެރިކާއަށް ވަޑައިގެން އެމެރިކާގެ މީޑިއާ އާ މުހާތަބު ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ ކަމަށް ޕޮމްޕެއޯ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާދެކޮޅަށް ގެންގުޅުއްވާ ބިރުދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ހަރުކަށި ސިޔާސަތުގެ އެއް މޭސްތިރި ކަމަށް ސިފަކުރެވޭ ޕޮމްމެޕެއޯ މިމޭރުމުން ވާހަކަ ދެއްކެވިއިރު އީރާނުގެ ވެރިންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި ބިރުދައްކައިގެން އީޜާނުގެ ކިބައިން އެއްވެސް ކަމެއް އެމެރިކާއަށް ހާސިލް ނުކުރެވޭނެކަން އެމެރިކާގެ ވެރިންނަށް ހަނދާންކޮށް ދެއްވާފަ އެވެ.
މަޝްވަރާގެ މޭޒުދޮށަށް އަންނަން ބޭނުންވާނަމަ އެމެރިކާއަށް ޖެހޭނީ އެމެރިކާ ވަކިވި އީޜާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫޢަވެ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ކަމަށާ އޭގެކުރިން އީރާނާ ޥާހަކަ ދެއްކުމުގެ ފުރްސަތު އެމެރިކާއަށް ނުލިބޭނެ ކަމަށްވެސް އީޜާނުގެ ރައީސް ހަސަން ރޫހާނީ އާއި ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ ވިދާޅުވެފަ އެވެ.
އީރާނަށް ދިޔުމުގެ ފުރްސަތު ނުލިބިގެންނާއި އީރާނުގެ މީޑިޔާ މެދުވެރިކޮށް އީރާނުގެ ރައްޔިތުންނާ މުޚާބަތު ކުރުމުގެ ފުރްސަތު ނުލިބިގެން ޕޮމްޕެއޯ ކުރެއްވި ޝަކުވާއާ ގުޅިގެން އީރާން ސަރުކާރުގެ ތަރުޖަމާން އަލީ ރާބީ ވަނީ މިއަހަރުގެ ކުރީކޮޅު އެމެރިކާ އިން ހައްޔަރުކުރި އީޜާނުގެ ރިޕޯޓަރު މާޒިއާ ހާޝިމީ އަށް އިންޓަވިއު ދެއްވުމުގެ ފުރްސަތު ޕޮމްޕެއޯ އަށް އޮތްކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ނިޔުޔޯކަށް ވަޑައިގަތުމުގެ ވިސާ އެމެރިކާއިން އޭނާއަށް ދިނީ އދ. ގެ ކަމެއްގައި އޭނާ ބައިވެރިވެ ވަޑައިގަންނަވާތީ މަޖްބޫރުން ކަމަށާ މިގޮތަށްވެސް ވިސާ ދީފައިވަނީ ހަމައެކަނި އދ. ގެ މައިމަރުކަޒު ހުންނަ ނިޔުޔޯކްގައި އެންމެ 8 އަކަ ކިލޯމީޓަރުގެ ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ފުރްސަތު ކަމަށާއި އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށާ އެނޫން ރައްރަށަށް ވަޑައިގަތުމުގެ ފުރްސަތު އެމެރިކާ ސަރުކާރުން އީރާނުގެ ޚާރިޖީ ވަޒީރަށް ދިނުމަށް ދެކޮލު ހަދާފައވާކަންވެސް އީޜާން ސަރުކާރުގެ ތަރްޖަމާން ވިދާޅުވިއެވެ.
މާޒިއާ ހާޝިމީ އަކީ އެމެރިކާއަށް އުފަން އީރާނުގެ ނަސާރާ އަންހެނެކެވެ. މާޒިޔާ އުޅެބޮޑުވީ އަދި ތައުލީމު ޙާސިލް ކުރީވެސް އެމެރިކާގައެވެ. ނަމަވެސް މާޒިއާ އިސްލާމްވުމަށް ފަހު ގެންދަނީ އީރާނުގެ އިނގިރޭސި ޗެނަލެއް ކަމަށްވާ ޕްރެސް ޓީވީގެ އެމެރިކާގައި ހުންނަވާ މުރާސިލުގެ ވަޒީފާ އަދާކުރައްވަމުންނެވެ. މި ވަޒީފާގައި އޭނާ މަސައްކަތް ކުރަމުން ދަނިކޮށް އެމެރިކާއިން މިދިޔަ ޖެނުއަރީ މަހު ވަނީ މާޒިއާ ހައްޔަރު ކޮށްފައެވެ.
އެމެރިކާއިން މާޒިއާ ދޫކޮށްލީ ނޫސްވެރިންގެ ފިއްތުންތައް ބޮޑުވެ އެމެރިކާއަށް ފާޑުކިޔުންތައް ބޮޑުވުމުން 10 ދުވަސް ފަހުންނެވެ. މާޒިއާ މިނިވަން ވުމަށްފަހު އީރާނަށް ގޮސް އޭނާ ވަނީ އެމެރިކާ އަކީ ފާޑެއްގެ ޑިމޮކްރަސީ ހިނގާ ގައުމެއް ކަމަށާ އަދި އެމެރިކާއަކީ ނަސްލީ އިމްތިޔާޒުގެ ބޯދާ އުސޫލުތައް ގެންގުޅޭ މުސްލިމުންނާއި ކަޅު ނަސްލުގެ މީހުންނާމެދު ތަފާތު ކުރުންތައް އިންތިހާއަށް ބޮޑު ގައުމެއް ކަމަށް ސިފަކުރައްވާފައެވެ.
ޓްރަމްޕް ގެ ވެރިކަމުގައި އެމެރިކާ އިން ވަނީ 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވެ އެއެއްބަސްވުމަށް ޓްރަމްޕް ބޭނުންވާ އިތުރުކަންތައްތަކެއް ހިމެނުމަށް އީރާނުގެ ކިބައިން އެދިފައެވެ. މިކަމަށް އީރާން އިޖާބަ ނުދިނުމުން އެމެރިކާވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި އީރާނާ ދެކޮޅަށް ހަނގުރާމައިގެ ބިރުދައްކައި ގަލްފަށް ހަނގުޜާމައިގެ މަނަވަރުތަކާއި ސިފައިން ފޮނުވައިގެން އެ މަގްސަދު ޙާސިލްކުރުމަށް މަސައްކަތް ކޮށްފައެވެ.
މިއިން އެއްވެސް ކަމެއް ޙާސިލް ނުވުމުން އެމެރިކާ ވަނީ އީރާނާ ވާހަކަ ދެއްކުމަށް ހުށަހަޅާފައެވެ. މިކަމަށް އިޖާބަ ދިނުމަށް އީރާނުންވަނީ އެމެރިކާއަށް ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. އެއީ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. މިކަންކަމަށް އެމެރިކާ އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ. (ނޫސްއެޖެންސީތައް)