01 Nov 2011, 09:57
ޖުޑީޝަރީއާ ބެހޭ ގޮތުން ރައީސުލްޖުމުހުރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ދެއްކެވި ވާހަކަފުޅަކާ ގުޅޭ ގޮތުން އޭނާ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ނަމަވެސް ރޭ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އިބްރާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ފަނޑިޔާރުންނާ ބެހޭ ގޮތުން ތުލުސްދޫގައި އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މައްސަލަ ބަލައި ދިނުމަށް ޕޮލިހަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ތުލުސްދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އިބްރާ ވިދާޅުވެފައިވާ ކަމަށް ބުނެފައި ވަނީ "ފަނޑިޔާރުން ހުކުމްކުރައްވަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެ ބޭފުޅުން މައިތިރިކުރެވޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ". އިބްރާ ދެއްކެވި ކަމަށް ބުނާ މި ވާހަކަތަކާ ގުޅިގެން އިބްރާ އަށް ރައްދުދީ ސުޕްރީމް ކޯޓުން ބުނެފައި ވަނީ އިބްރާ ދެއްކެވި ވާހަކަތަކަކީ ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުމަށް މަގުފަހިކޮށްދޭ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ކޯޓުތަކާއި ފަނޑިޔާރުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައިސިއްޔަތާއި ގަދަރަށް އިހާނާތްތެރިކަން ރައްދުވާ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. ސުޕްރީމް ކޯޓުގެ އެ ބަޔާނާ ގުޅިގެން އިބްރާ ވަނީ އެ ކޯޓާ ދެކޮޅަށް އަބުރުގެ ދައުވާ ވެސް ކުރަށްވައިފަ އެވެ.
އޭގެ ކުޑަދުވަސްކޮޅެއް ފަހުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވެސް ވާހަކަ ދައްކަވަމުން އިބްރާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ "ހަތް މޮޔައިން" ވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ.