މި ސަރުކާރުން މަސްވެރިންނަށްޓަކާ ގާއިމްކުރާ "ކަންނެލި ޖަގަހަތައް" ނުވަތަ އޮފް ޝޯ ޕްލެޓްފޯމު ތަކަކީ މަސްވެރިންގެ ފަސްތަރީގެ ރިސޯޓްތަކަށް ވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ މެންބަރުން ސިފަކުރެއްވި ގޮތުގައ، އެ ޕްލެޓްފޯމްތަކުގައި މަސްވެރިން މުނިފޫހި ފިލުވޭނެ އިންތިޒާމާއި ސްޕާތައްވެސް ގާއިމް ކުރެވިފައި ހުންނާނެ އެވެ.

ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތައް ފާހަގަކޮށް އޮފް ޝޯ ޕްލެޓްފޯމުތައް ގާއިމް ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ އޮފް ޝޯ ޕްލެޓުފޯމުތައް ގާއިމް ކުރުމުގެ ވާހަކަ އެމްޑީޕީގެ މެންބަރުން ދައްކަނީ އެއީ ކުރެވޭނެ ކަމެއްކަން ޔަގީން ކުރުމަށްފަހު ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ބޭރުގެ ތަޖުރިބާކާރުންނާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ލަބީބު ވިދާޅުވީ މި ޕްލެޓުފޯމު ތަކަކަީ މަސްވެރިން ކަނޑުމަތީގައި ބުރަކޮށް މަސައްކަތް ކުރުމަށްފަހު ކުޑަ ހަރަދެއްގައި ކަނޑުމަތީ އުޅެވޭނެ މަގު ފަހިކޮށްދިނުމަށް ގާއިމް ކުރާ ޕްލެޓުފޯމުތަކެއް ކަމަށެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޕްލެޓުފޯމުތައް ގާއިމް ކުރާނެ ކަމަށާއި މިއީ މަސްވެރިން ދުވާލު މަސްބޭނުމަށްފަހު އަލުން ރަށަށް އަންނަން ކުރަންޖެހޭ ހަރަދާއި ހޭދަވާ ވަގުތު ކުޑަކުރުމަށް އަޅާ ޕްލެޓުފޯމުތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އެއްތަނެއްގައި އަޅާފައި އޮންނާނެ ޕްލެޓުފޯމުތަކެއް ނޫން. މަސްބާނާ ސަރަހައްދުތަކަށް މޫވް ކުރެވޭނެ. ޕްލެޓުފޯމު އޮންނަތަން މަސްވެރިންނަށް އެނގޭނެ،" އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަސް ބޭނުމަށްފަހު މަސްވެރިން ޕްލެޓްފޯމަށް ކައިރި ކުރަންވީ ކަމަށާއި އޭރުން ދޯންޏަށް ތެޔޮ އަޅައި އައިސް ގަތުމުގެ އިންތިޒާމާއި ކާއެއްޗެހި ސްޓޮކް ކުރުމުގެ އިންތިޒާމުވެސް ހަމަޖެހޭނެ ކަމަށެވެ. އެތަނުގައި މަސްވެރިން މަޑުކުރާނެ ކޮޓަރިތަކާއި ރޭގަނޑު އަރާމުކުރާނެ ތަންތަން އަދި ސިނަމާ ތަކާއި މުނިފޫހިފިލުވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްކިރަން ބޭނުންނަމަ ޕްލެޓްފޯމުގައި މަސް ކިރޭނެ އިންތިޒާމުވެސް ހުންނާނެ ކަމަށާއި ޕްލެޓުފޯމަކީ މަސްވެރިންގެ އިތުރުން މަސްވެރިންގެ އަނބިންނާއެކުވެސް މަޑުކޮށްލެވޭނެ ތަނަކަށް ވާނެ ކަމަށެވެ.

"މިތަނުގައި މަސައްކަތް ކުރާ މީހުންނަށްވެސް ރަނގަޅު މުސާރައަކާއި އަމްދަނީ ލިބޭނެ ތަނަކަށް ވާނެ،" އިލްޔާސް ވިދާޅުވި އެވެ.

މި ގަރާރަށް ބަހުސް ކުރައްވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ޕްލެޓުފޯމުތައ ވެގެންދާނީ މަސްވެރިންގެ ރިސޯޓުތަކަކަށް ކަމަށެވެ. އެތަނުން މަސްވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ފަހިވެފައި ހުންނާނެ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މަސްވެރިންނަށްޓަކާ ގާއިމް ކުރާ ޖަގަހަތަކާ ގުޅޭ މައުލޫމާތު މަސްވެރިންނާ ހިއްސާ ކުރާނެ ކަމަށެވެ.

މި ގަރާރަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ގަރާރުތަކަކީ މަސްވެރިންގެ ކަލްޗާ އަދި މަސްވެރިކަން ކުރާ ވައްޓަފާޅި އެނގިގެން ހުށަހަޅާ ގަރާރުތަކެއް ނޫން ކަމަށެވެ.

"ހިޔާލީ ދުނިޔެއެއްގައި މަސްވެެރިން ގެންގުޅެން ވިސްނާފަ މިއޮތީ،" ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން މަޖިލީހަށް ހުށަހަޅާ ގަރާރުތަކަކީ "ލާހޫރޭ" ގަރާރުތަކެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ އެމްޑީޕީ މެންބަރުން ވާހަކަ ދައްކަވަނީ ލަފާކުރާ އެއްޗެއްގެ މައްޗަށް ކަމަށާއި މަސްވެރިންގެ ހަގީގީ މަސައްކަތް ނޭނގި ހުށަހަޅާފައިވާ ގަރާރުތަކުގައި ބުނާ ކަންތައްތަކުގެ ބަދަލުގައި މިހާރުވެސް މަސް ފެކްޓްރީތައް ހިންގާ ތަންތަން އިތުރަށް ތަރައްގީ ކުރުން މުހިއްމު ކަމަށެވެ.

"އޮފް ޝޯ ޕްލެޓުފޯމުތައްވެސް ގޮސް މިޖެހެނީ ނާސިގެތަކަކަށް. ނޫނީ ސްޕާތަކަކަށް. މަސްވެރިން ނޫޅޭ ސްޕާ ތައް ހިންގާކަށް. މަސްވެރިން ނޫޅޭ ނާސިގެ ހިންގާކަށް،" ޝިޔާމް ވިދާޅުވިއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ އެމްޑީޕީގެ ގަރާރުތަކަކީ ހިޔާލީ ފިލްމުތަކާ އެއްގޮތް ގަރާރުތަކެއް ކަމަށެވެ.