01 Nov 2011, 09:29
ޕެރިސް (ނޮވެމްބަރ 01) : ތައްލީމާއި ސައެންސާ އަދި ޘަޤާފަތާބެހޭ އދ. ގެ ޖަމްޢިއްޔާ "ޔުނެސްކޯ"ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބިއްޖެވެ. "ޔުނެސްކޯ"ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުނީ މިކަމަށްޓަކައި ޔުނެސްކޯގެ މެންބަރު ޤައުމުތަކުގެ މެދުގައި ރޭ ނެގި ވޯޓެއްގެ ވަރަށް ފުރިހަމަ އަޣްލަބިއްޔަތުންނެވެ.
މިވޯޓުގައި ޔުނެސްކޯގެ މެންބަރު ޤައުމުތަކުގެ ތެރޭން ފަލަސްތީނާ ދެކޮޅަށް ވޯޓު ދީފައިވަނީ އިސްރާއީލުގެ އިތުރުން އެމެރިކާ، ކެނެޑާ އަދި ޖަރުމަނެވެ. އިނގިރޭސިވިލާތުން އެއްވެސްކޮޅަކަށް ވޯޓެއް ނުދެއެވެ. އެނޫން ހުރިހާ ޤައުމުތައްވެސް ވޯޓުދިނީ ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށެވެ. ފަލަސްތީނަށް ފުރިހަމަ މެންބަރުކަން (މިނިވަން ދައުލަތެއްގެ ދަރަޖަ) ދިނުމަށް އެންމެބޮޑަށް ވަކާލާތުކުރި ޤައުމުތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވަމުން އަންނަ ޗައިނާ، ރަޝިޔާ، އިންޑިޔާ، ބްރަޒިލް އަދި ދެކުނު އެފްރިކާގެ އިތުރުން ޢަރަބި އިސްލާމީ ޤައުމުތަކާއި އޭޝިޔާ، އެފްރިކާ، ޔޫރަޕް އަދި ލެޓިންއެމެރިކާގެ ޤައުމުތައް ހިމެނެއެވެ.
އިސްރާއީލުގެ އިތުރުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ދެކޮޅުހެދި ކެނެޑާ، އެމެރިކާ އަދި ޖަރުމަނު ވަނީ ޔުނެސްކޯގައި އެކަހެރިވެ ނިކަމެތިވެގެން ގޮސްފައެވެ. މިޤައުމުތަކަކީ އިސްރާއީލުގެ އިސްތިޢްމާރަށް ވާގިވެރިވާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ބަރާއި ނުފޫޒުގަދަ ޤައުމުތަކެވެ.
ޔުނެސްކޯގެ މެންބަރު ޤައުމުތަކުން ފަލަސްތީނަށް ދާއިމީ މެންބަރުކަން ދޭންނިންމީ މިގޮތަށް ނިންމައިފިނަމަ އެމެރިކާ ދެމުންގެންދާ މާލީ އެހީން ޔުނެސްކޯ މަޙްރޫމްކުރާނެ ކަމުގެ ހަރުކަށި އިންޒާރު ޔުނެސްކޯގެ މެންބަރު ޤައުމުތަކަށް އެމެރިކާ ދިނުމުގެ އިތުރުން ޔުނެސްކޯއަށް ބިރުދެއްކުމުގެ ވަރުގަދަ ކޭންޕޭނެއްވެސް އިސްރާއީލާ އެމެރިކާ ގުޅިގެން ކުރިޔަށްގެންދަނިކޮށެވެ. އެހެންކަމުން ޔުނެސްކޯއަށް ބިރުދެއްކުމުގައާއި އެޖަމާއަތަށް ބާރުފޯރުވުމުގައި އެމެރިކާއާއި އިސްރާއީލު ފޭލްވެ އެކަހެރިވެގެން ދިޔުމަކީ އެމެރިކާގެ ބާރާއި ނުފޫޒު ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި ކުޑަވެ އިންސާފަށާއި ނިކަމެތި ޤައުމުތަކުގެ ޙައްޤުތަކަށް ބައިނަލްއަޤްވާމީ މުޖްތަޢުގައި ތާއީދުއޮތް މިންވަރު ހާމާވާ ކަމެއް ކަމަށް ފަލަސްތީނުން ބުނެއެވެ.
ޔުނެސްކޯގެ ފުރިހަމަ މެންބަރުކަން ލިބުމަކީ އދ. ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ފަލަސްތީނުން ފަށާފައިވާ މަސައްކަތްތަކުގެ ފުރަތަމަ މަރްޙަލާގައި ހިމެނޭ ކަމެކެވެ. އދ. ގެ މަޖިލިސްތަކުގައިވެސް ވީޓޯކުރުމުގެ ބާރު އޮންނަ ސަލާމަތީ މަޖިލިސް ފިޔަވައި އެހެން މަޖިލިސްތަކުގައި ހަމަމިގޮތަށް ފަލަސްތީނަށް ދުނިޔޭގެ ޤައުމުތަކުގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ފަލަސްތީނުން ބުނެއެވެ. ޔުނެސްކޯގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ވިދާޅުވީ ޔުނެސްކޯގެ މެންބަރު ޤައުމުތަކުގެ މެދުގައި ނެގި ވޯޓުން ފަލަސްތީނުގެ މިނިވަން ކަމަށާއި ޙައްޤުތަކަށް ތާއީދުކުރާ ޤައުމުތަކާއި ތާއީދުނުކުރާ ޤައުމުތައް އެނގިގެން ހިނގައްޖެ ކަމުގައެވެ.
ޔުނެސްކޯއިން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ނިންމުމުން އެމެރިކާ ވަނީ ޔުނެސްކޯއަށް އެމެރިކާ ދޭ މާލީ އެހީ މުޅިން ކަނޑާލިކަން ޢިޢްލާންކޮށްފައެވެ. ޔުނެސްކޯއަށް އެމެރިކާ ދޭ މާލީ އެހީގެ މިންވަރަކީ އަހަރަކަށް 70 މިލިޔަން އެމެރިކާ ޑޮލަރެވެ. އެމެރިކާގެ މިފައިސާގެ ބަދަލުގައި ޔުނެސްކޯއިން ފަލަސްތީނުގެ ޙައްޤުތަކާއި އިންސާފާއި ހަމަހަމަކަން އިޚްތިޔާރު ކުރުުމުން ޢަރަބި އިސްލާމީ ޤައުމުތަކާއި ފަލަސްތީނުގެ ޙައްޤުތަކަށް މަސައްކަތްކުރާ އެނޫން ޤައުމުތަކުން ގެންދަނީ ޔުނެސްކޯއަށް މަރްޙަބާ ކިޔަމުންނެވެ. (ރޮއިޓާސް+އަލްޖަޒީރާ)