29 Jul 2019, 11:33
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ދެއްވި މައުލޫމާތަކީ ދޮގު މައުލޫމާތެއްކަން އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީ އިންވެސް އެނގޭކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ދައްކަވާފައިވާ ވާހަކަ އާއި ގުޅިގެން، އެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން މާލިއްޔަތު ކޮމެޓީ އަށާއި އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާތީ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށްއެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަން ފުލުސް އޮފީހުން އަންގާފައިވާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"އެހެން ވަނިކޮށް ޕްރެޒިޑެންޓަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަނީ އިން އަޅުގަނޑަށް އެބައޮތް ސިޓީއަކުން ބުނެފައި ވަރަށް ސާފު އިބާރާތުން މި ކޮމިޝަނުން ބަލަމުންދާ އެމްއެމްޕީއާރުސީ އިން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަ އާއި ގުޅޭގޮތުން ހޯދާފައިވާ ލިޔެކިޔުމުން ފެންނަން އޮތް ގޮތުގައި އެމްއެމްޕީއާރުސީއަށް ރަށްރަށާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ކޮސްތުގެ ގޮތުގައި ލިބިފައިވާ ޗެކުތަކުގެ ތެރެއިން ނޮޓް ނެގޯޝިއެބަލް ޖަހާފައިވާ ހަ ޗެކެއް އެންޑޯޒްކޮށް، ބޭންކް އޮފް މޯލްޑިވްސް އިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ބޭންކުގައި އޮންނަ ޔޫއެސްޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާކަން ވަރަށް ސާފުކޮށް އެނގެއޭ،" ނަޝީދު ވިދާޅުވިއެވެ.
ބޮޑު ހިޔާނާތުގެ ތަހުގީގަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ ވެރިން ހާޒިރުކޮށް ސުވާލުކުރުމުން އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ ހިޔާނާތް ފެށުނު ހިސާބުން 2014 ގައި އެ މުއާމަލާތްތަކުގެ މައުލޫމާތު ސީދާ އެމްއެމްއޭގެ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އާ ހިއްސާކުރި ކަމަށެވެ.
ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދެމުން ގެންދިޔައީ ޗެކް އެންޑޯސްކުރުމަށް ހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. ޝަރީފް ވިދާޅުވީ ގާނޫނުގެ ދަށުން، ޗެކް ކުރޮސްކުރުމާ ބެހޭ އުސޫލުތައް ބަޔާންކޮށްފައިވާއިރު، ޗެކް އެއްފަރާތުން އަނެއްފަރާތަށް އެންޑޯސް ނުކުރެވޭނީ، "ނަން ނެގޯޝިއޭބުލް" ޗެކްގައި ޖަހާފައިވާ ޗެކްތައް ކަމަށެވެ. އެހެން ނަމަވެސް، އެސްއޯއެފްގެ އެކައުންޓަށް އެންޑޯސްކޮށްގެން ޖަމާކުރި ޗެކްތަކަކީ އެ ބާވަތުގެ ޗެކްތަކެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.