29 Jul 2019, 09:58
ބެއިޖިން (ޖުލައި 29): އެއްގަމުގައި ހުންނަ އޭޝިއާގެ އެންމެ ފުން ތެޔޮ ވަޅު ޗައިނާއިން އެގައުމުގެ ޓަރިމް އޮއިލް ފީލްޑުގައި ކޮނެފި އެވެ.
ޗައިނާގެ ޒިންހުއާ ނޫހުގައިވާ ގޮތުން އެވަޅުގެ ފުން މިނުގައި 8،882 މީޓަރު ހުރެ އެވެ. އެއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓްގެ އުސްމިނާ ގާތްގަނޑަކަށް އެއްވަރު އަދަދެއް ކަމަށް ތެޔޮ ވަޅު ކޮނުނު ކުންފުނި ކަމަށްވާ ޕެޓްރޯޗައިނާއިން ބުންޏެވެ. އެވަރެސްޓުގައި އުސްމިނުގައި ހުންނަނީ 8،848 މީޓަރެވެ.
ޕެޓްރޯޗައިނާއިން ބުނި ގޮތުގައި އެތެޔޮ ވަޅު ކޮންނަން އެއް އަހަރަށް ވަރަށް ދިގު މުއްދަތެއް ނެގި އެވެ. އަދި އެތެޔޮ ވަޅު ކޮނެ ނިމުމުން އެނގިގެން ދަނީ އެގައުމުގެ ޑްރިލިން ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރެވެ.
މީގެ ކުރިން، އެއްގަމުގައި ހުންނަ އޭޝިއާގެ އެންމެ ފުން ތެޔޮ ވަޅު ކޮނުމުގެ ރެކޯޑު ހަދާފައި ވަނީ ޗައިނާގެ އެހެން ކުންފުންޏަކުންނެވެ. ޗައިނާ ޕެޓްރޯކެމިކަލް ކޯޕަރޭޝަނުން މިދިޔަ ފެބްރުއަރީ މަހު ކޮނެ ނިންމާލި އެތެޔޮ ވަޅުގެ ފުން މިނުގައި 8،588 މީޓަރު ހުރެ އެވެ.