29 Jul 2019, 09:15
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ފޮނުއްވި ނަންތައް ވަނީ އިއުލާނު ކުރައްވައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އަށް ފެނިލައްވާ ހަތަރު ބޭފުޅުންގެ ގޮތުގައި މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކަކީ:
1. ހުސައިން ފިޔާޒު މޫސާ، އަތަމާގެ/ ތ. ވިލުފުށި
2. އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
3. އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ
4. ފާތިމަތު ސައުސަން، މ. ވެންކޫވާ
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ޖުމްލަ ނުވަ ބޭފުޅަކު ކުރިމަތިލި އެވެ. އެހެން ނަމަވެސް ރައީސް މަޖިލީހަށް ފޮނުއްވީ ހަތަރު ފަރާތެއްގެ ނަންފުޅެވެ.
އެ ނަންތައް ވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އަށް ދިރާސާކުރުމަށް ފޮނުވައިފަ އެވެ. މި ބޭފުޅުންނާއެކު ޖުމްލަ ނުވަ ފަރާތަކުން ވަނީ އެ މަގާމަށް ކުރިމަތިލައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު ހަމަވީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ގާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން، ޖުލައި، 13، 2014 އުފައްދަވާފައިވާ އޮފީހެކެވެ. އެ އޮފީހުގެ މަގުސަދަކީ، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމެވެ.