29 Jul 2019, 09:07
ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ހުޅުމާލެ ބޮށިމާ ހިނގުމުން އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގޮސް ހުޅުމާލެ އެމްޑަބްލިއުއެސްސީގެ ފާރުގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އޭނާއަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.
ފާރުގައި ޖެހި އެކްސިޑެންތު ވުމުން އެމްޑަބްލިއުއެސްސީގެ ފާރަށައި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ފުލުހުންނެއް ނުބުނެއެވެ. ނަމަވެސް ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ހުޅުމާލޭގައި ރޭ އެކްސިޑެންޓެއް ހިނގާފައިވާއިރު ފުލުހުން އިއްޔެ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުޅުމާލޭގައި މިދިޔަ ހަފްތާ އެކަނިވެސް ނުވަ އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ.