29 Jul 2019, 08:31
ހަފްތާ ބަންދުގެ ޗުއްޓީ ނިންމާލުމަށްފަހު އޮފީހަށް އައިސް މަސައްކަތުގައި ހަރަކާތްތެރިވުމަށް މިއަދު ފަހަރެއްގައި އުނދަގޫވެދާނެ އެވެ. މިނިވަންދުވަހުގެ ފޯރިގަދަ ހަރަކާތްތަކުގައި އަވަދިނެތި އުޅުމަށްފަހު ނުވަތަ، އިތުރު ދުވަހެއް ބަންދުވުވުމުން ކައިރި ރަށަކަށް ކޮށްލި 'މިނީ ވެކޭ' ނިންމާލުމަށްފަހު އަދިވެސް ރަނގަޅަށް ނިދިހަމަނުކޮށްލެވޭހެން ހީވޭދޯ އެވެ.
ކޮންމެއަކަސް، މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް އަދި އިތުރުކުރުމަށްޓަކައި ކުރެވިދާނެ އެއްކަމަކީ އޮފީހުގައި މިކަމަށް އެހީތެރިވެދޭނޭ އެސެންޝަލް އޮއިލްއެއް ބޭނުންކޮށްލުމެވެ. ހަށިގަނޑުގެ ހަމަށާއި، ކޮޓަރީގައި މީރުވަސް ދުއްވުމުގެ އިތުރަށް، އަރާމު ނިންޖެއް ހޯދުމަށްވެސް މިއަދު އެސެންޝަލް އޮއިލް ބޭނުންކުރެވޭއިރު، އެ ލިސްޓަށް މިއީވެސް އިތުރުކޮށްލުން މުހިންމުކަމެކެވެ.
މިފަހަރު މި ލިސްޓުކޮށްލަނީ މިގޮތުން އޮފީހުގައި ބޭނުންކުރުން އެންމެ ރަނގަޅު 5 އޮއިލް އެވެ.

ފްރެޝް ރޯސްމޭރީ ކޮޅެއް..
1. ރޯސްމޭރީ
އެމެރިކަން ކޮލެޖް އޮފް ހެލްތް ކެއާ ސައިންސަސް އިން ބުނާގޮތުން މިއީ ވިސްނުންތެރިކަމާއި ސަމާލުކަމާއި ފަރުވަތެރިކަމާއި އެކީ މަސައްކަތްކުރަންޖެހޭ އޮފީސްތަކަށް އެންމެ ކަމުދާނެ ވަހެވެ. ރޯސްމޭރީގެ ވަހުން ވިސްނުމާއި ސިކުނޑީގެ މަސައްކަތްތައް ސްޓިމިއުލޭޓްކޮށްދެއެވެ. ރޯސްމޭރީ އަކީ އެހެން އޮއިލްތަކާއި އަޅާބަލާއިރު ތަންކޮޅެއް ވަރުގަދަ ވަހެއްކަމުން ފެނާއި އެކީގައި ބޭނުންކޮށްލުން ރަނގަޅުވާނެ އެވެ.

ބާގަމޮޓް،
2. ބާރގަމޮޓް
'އާރލް ގްރޭ ޓީ' ކަމުދާ ފަރާތެއްނަމަ މި ވަހަކީ އާ ވަހަކަށް ނުވާނެއެވެ. އޮރެންޖްގައި ހުންނަ ކަހަލަ ފޮނި އަދި ސިޓްރަސް ވަހެއް ހިމެނޭ ބާރގަމޮޓް އިން އުފާވެރިކަން ގެނެސްދީ މޫޑު ރަނގަޅުކޮށްދޭނެ އެވެ.

ޖުރޭނިއަމް މާ
3. ޖުރޭނިއަމް
ޖުރޭނިއަމްއިން ދުވާނީ ތަންކޮޅެއް 'ފްލޯރަލް' ވަހެކެވެ. މޫޑް ލިފްކޮށްދޭ ވަހެއްގެ ގޮތުގައި މަޝްހޫރު މި ވަހުގެ ސަބަބުން އޮފީހަށް ދިރުން ގެނެސްދޭނެއެވެ. އަދި މުވައްޒަފުންގެ މޫޑަށް ގެނެސްދޭ ބަދަލާއި އެކު ފަހަރެއްގައި އޮފީހުގައި ގިނަވަގުތު ހޭދަކުރާ ހިތްވެސް ވެދާނެއެވެ.

ލެމަންގްރާސް
4. ލެމަންގްރާސް
މިއީ މިހާރުވެސް ވަރަށް ގިނައިން ބޭނުންކުރެވޭ، އަދި ދިވެހިންނާއި ގާތް ވަހަކަށްވާނެއެވެ. ލެމަންގްރާސް އަކީ 'އިންސެކްޓް ރެޕަލަންޓް' އަކަށްވާއިރު މީގެ ވަހުގެ ސަބަބުން ނިދި އައުމުން ދުރުކޮށްދީ މީހާ ރަނގަޅަށްވެސް ހޭލައްވާލަދޭނެއެވެ. ހެނދުނު ހެނދުނާއި މަސައްކަތް ފަށާނަމަ މިއީ އޮފީހުގައި ބޭނުންކޮށްލުން ކޮންމެހެންވެސް މުހިންމު އޮއިލް އެކެވެ.

ކަރަންފޫ
5. ކްލޯވް ނުވަތަ ކަރަންފޫ
ފަހަރެއްގައި އެންމެންނަކީ މިކަހަލަ 'ވޯރމް އަދި ސްޕައިސީ' ވަަހަށް ލޯބިކުރާ މީހަކަށް ނުވެދާނެ އެވެ. އެހެންނަމަވެސް މި ވަހުން ސިކުޑި ހަމަޖަސައްދިނުމަށް މަގުފަހިކޮށްދީ މަސައްކަތުގެ ސްޓްރެސްތައް ދުރުކޮށްދޭނެ އެވެ.
އެހެންކަމުން ކުޑަކުޑަ ބަދަލަކުން އޮފީހުގެ މަސައްކަތަށާއި މުވައްޒަފުންނަށް ބޮޑު އެދެވޭ ބަދަލެއް ގެނެސްދޭނަމަ މިކަން އެއްފަހަރު ނަމަވެސް ތަޖުރިބާކޮށްލުން ރަނގަޅުވާނެ އެވެ. އަވަހަށް އެޗްއާރް ޑިޕާޓްމަންޓަށް ފޯވަޑް ކޮށްލާށެވެ.