މަހަކު އެއްފަހަރު މޭލޭގައި ވެހިކަލް ނުދުއްވާ ދުވަހެއް ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ހާއްސަ ދުވަސްތަކާ ގުޅިގެން މޭލޭގައި މިހާރަކަށް އައިސް ވެހިކަލް ނުދުއްވާ ދުވަސްތައް ކަނޑައަޅައެވެ. އެގޮތުން ނިމިގެން ދިޔަ މިނިވަން ދުވަހާއި އެންމެ ފަހުން ފާހަގަ ކުރި ފިތުރު އީދާ ގުޅިގެންވެސް މޭލޭގައި ހަވީރު ގަޑީގައި ވެހިކަލް ދުއްވުން މަނަލެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިއަދު "ސަން" އަށް ވިދާޅުވީ، ހާއްސަ މުނާސަބަތުތަކާ ގުޅިގެން ހިނގާފާ އުޅޭ ވަގުތުކޮޅެއް ކަނޑައެޅުމުން ވަރަށް ގިނަ ފަރާތްތަކުގެ ތަރުހީބު އެކަމަށް ލިބިގެންދާ ކަމަށެވެ.

ޝަމާއު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސިޓީ ކައުންސިލްތަކުން ހަފްތާއަކު އެއްފަހަރު ވެހިކަލް ނުދުއްވާ ދުވަހެއް ފާހަގަ ކުރާ ކަމަށެވެ.

"އަޅުނޑުމެން މިދަނީ ފްރީކުއެންޓްލީ، މަހަކު އެއްފަހަރު ނަމަވެސް ހިނގާފާ އުޅޭ ދުވަހެއް ކަނޑައެޅުމަށް މަޝްވަރާ ކުރަމުން.ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ވެސް މަޝްވަރާ ކުރަމުން މިދަނީ ފްރީކުއެންޓްކޮށް މިކަން ކުރުމަަށް،" ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބައެއް ސިޓީ ކައުންސިލްތަކުން އެ ސިޓީއެއްގައި ކޮންމެ ހަފްތާ އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު ހިނގާފައި އުޅޭ ދުވަހެއް ކަނޑައަޅާފައިވާ ކަމަށެވެ.

ޝަމާއު ވިދާޅުވީ، ސިޓީ ކައުންސިލްގެ އަމާޒަކީ މާލެއަކީ އެންމެންނަށް ވެސް "ލިވަބްލް" ތަނަކަށް ހެދުން ކަމަށާއި އެކަމުގެ ތެރެއިން މާލޭގައި ހިނގާފައި އޫޅޭ ދުވަހެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

"ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ލިބޭ މިކަމަށް. ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކެމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ. ކުރިއަށް އޮތް ތާގައި އެކަލަހަލަ ދުވަސްތައް ކަނޑައަޅަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ވީހާވެސް ބޮޑަށް ހިނގުމަށް މީހުން ހިތް ޖައްސުވައި، ހިނގުމަކީ މުހުންމު ކަމެއްގެ ގޮތުގައި ދެއްކުމަށް،" ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ، ވަރަށް އަވަހަށް ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށާއި ސިދާ ގޮތެއް ނިންމަވާނީ ރައްޔިތުންނާވެސް މަޝްވަރާ ކުރެއްވުމަށް ފަހު، ރައްޔިތުންގެ ހިޔާލަށްވެސް ބަލާފައި ކަމަށެވެ.

މި ފެށޭ އޮގަސްޓް މަހުގައި އަންނަ އަޟްހާ އީދާ ދިމާކޮށްވެސް ދުއްވާ އެއްޗިސް ދުއްވުން މަނާ ގަޑިއެއް ކަނޑައެޅިގެންދާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.