28 Jul 2019, 23:14
މައްކަތުލް މުކައްރަމާ (ޖުލައި 28): ހައްޖުވެރިންނަށް މަދަނީ ދިފާއީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި 24،000 އޮފިސަރުން ޚިދުމަތަށް ނެރޭނެ ކަމަށް ސައޫދީ ސަރުކާރުން ބުނެފިއެވެ.
ސައޫދީ މަދަނީ ދިފާއާބެހޭ އިދާރާގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ސުލައިމާން އަލް ޢަމްރު އާ ހަވާލާދީ ސައޫދީ ރަސްމީ މީޑިއާ ބުޏާގޮތުން މި އަހަރުގެ ހައްޖު މޫސުމުގައި މަދަނީ ދިފާއީ ޚިދުމަތްތައް ފުރިހަމަ ކުރުމަށް 24،000 އޮފިސަރުން ހަރަކާތްތެރިވާއިރު އެމީހުންގެ މަސައްކަތަށް ބޭނުންވާ ތިންހާހަށްވުރެ ގިނަ ވެހިކަލްވެސް ހަރަކާތްތެރިވާނެއެވެ.
މަދަނީ ދިފާއާބެހޭ އޮފްސަރުންގެ ތެރެއިން 7،000 އޮފިސަރުން ހަރަމްފުޅު ތެރޭގައާއި ބިންގަރާސްތަކުގައާއި ޖަމްރާތަކަށް ހިލައުކާ ތަންތަންތަންފަދަ ހައްޖުގެ މަޝާއިރުތައް ކުރިޔަށްދާ އިމާރާތްތަކުގެ ތެރޭގައި ހަރަކާތްތެރިވުމަށް ރާވާފައިވާއިރު އަނެއް 17،000 އޮފިސަރުން ހަރަކާތްތެރިވާނީ ހައްޖުވެރިންގެ ޚިދުމަތުގައި މަގުތަކާއި އެނޫންވެސް ހާމަ ތަންތަނުގައެވެ.
ސައުދީ މަދަނީ ދިފާއާބެހޭ އިދާރާގެ މައިގަނޑު އަމާޒަކީ ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައިވެސް ހައްޖުވެރިން މަދަނީ ދިފާއީކަންކަމަށް ހޭލުންތެރި ކުރުވުމާއި މަދަނީ ދިފާއީ ޚިދުމަތްތައް ހައްޖުވެރިންނަށް ފޯރުކޮށްދިނުމާއި، ހައްޖުވެރިންނަށް ކުރިމަތި ވެދާނެ އެކިއެކި މަދަނީ ނުރައްކާތަކުން އެމީހުން ސަލާމަތް ކޮށްދިނުން ކަމަށް އެއިދާރާއިން ބުނެއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ގާތްގަނޑަކަށް 3.2 މިލިޔަން މުސްލިމުން ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާނެކަމަށް ލަފާކުރެވޭއިރު މީގެތެރެއިން މިލިޔަނަކާ ގާތްކުރާ އަދަދަށް ހައްޖުވެރިން މިހާރުވަނީ މާތްވެގެންވާ މައްކާއަށް ގޮސްފައި ކަމަށް ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާގެ ތަފާސް ހިސާބުތައް ބުނެއެވެ.
ނުރައްކާތެރި ވައިރެހެއް ކަމަށްވާ އެބޯލާ ބަލީގެ ވައިރަސް ފެތުރެމުންދާތީ ސައޫދީ ސަރުކާރުންވަނި އެފްރިކާގެ މެދުތެރޭ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައްޔިތުންނަށާއި އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް މި އަހަރު ހައްޖު ވިސާ ނުދިނުމަށް ނިންމާފައެވެ. އެނޫން އެއްވެސް ގައުމެއް ހައްޖުގެ ފުރުސަތުން މިއަހަރު މަހްރޫމް ކޮށްފައެއް ނުވެއެވެ.
ކޮންގޯއާ މެދު އެފިޔަވަޅު އަޅަން ޖެހުނީ ހައްޖުވެރިންގެ ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށާއި ކޮންގޯގައި އެބޯލާ ވައިރަސް ހަލުއިކަމާއެކު ފެތުރެމުންދާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަށަވަރުކޮށްދޭއިރު އެބަލިން ހައްޖުވެރިން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސައޫދީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަން ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ސައޫދީ ސަރުކާރުންވަނީ 2030 ވަނަ އަހަރާ ހަމައަށްދާއިރު އަހަރެއްގެ މައްޗަށް ތިރީސް މިލިއަން މީހުންނަށް ހައްޖުގެ ފުރުސަތު ދިނުމަށް އަމާޒުކޮށްގެން ހަރަމްފުޅު ސަރަހައްދު ބޮޑު ކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ. ފާއިތުވި ތިންއަހަރު ތެރޭގައި އެމަސައްކަތް މަޑުޖެހިފައިވިޔަސް މިއަހަރުގެ ހައްޖު މޫސުމަށްފަހު އެމަސައްކަތް އަލުން ފަށަން ސައޫދީ ކަމާބެޙޭ އިދާރާތަކުން ވަނީ ނިންމާފައެވެ. (ސައޫދީ މީޑިއާ)