ރާއްޖޭގެ މާކެޓުގައި މިހާރު ވިއްކަމުން އަންނަ ޖަރުމަނުގެ އުފެއްދުމެއް ކަމުގައިވާ 'ޖާސްޓެލް - ނޮން އަލްކަހޯލިކް ބިއަރު" ގައި ބަނގު އާވި ހިމެނޭ ކަމަށް ތަހުލީލުތަކުން މިހާރު ދައްކާފައިވާތީވެ، ދަޅުތައް ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

އެ ބުއިމުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރު މިދިޔަ ހަފްތާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ބުއިމުގައި އެއީ ބަނގުރާ އެކުލެވިގެން ނުވާ ބުއިމެއްގެ ގޮތުގައި ޖަހާފައިވާ ނަމަވެސް، އޭގައި ބަނގު އާވި ހިމެނޭ ކަމަށެވެ.

މިއަދު ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނީ، ޖާސްޓެލް ބުއުމުގައި ބަނގު އާވި ހިމެނޭ ކަމަށް ކަސްޓަމްސްގެ އިންޓެލެޖެންސަށް ޝައްކު ކުރެވިގެން މިދިޔަ މަހުން ފެށިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ތަހުލީލުތަކުގެ ނަތީއްޖާ ލިބުނު އިރު، އެ ބުއުމުގައި 0.3 ޕަސަންޓުގެ ބަނގު އާވި ހިމެނޭ ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.

"މި ބުއިންތަކުގައި 0.3 ޕަސަންޓް އަށްވުރެ ގިނަ ނޫން މިންވަަރަށް ބަނގުއާވި އެކުލެވިގެންވާކަން ލެބޯޓަރީ ތަހުލީލްތަކުން ކަސްޓަމްސް އަށް ސާބިތު ކުރެވިފައި ވަނީ 21 ޖުލައި 2019 ގައި" ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، އެ ބުއުމުގެ ޝިޕްމަންޓެއް އެންމެ ފަހުން ރާއްޖެ އެތެރެކޮށްފައިވަނީ، މިިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށެވެ. އަދި މި މައްސަލަ ބަލަަމުން ދިޔަ އިރު، މިމަހު 17 ވަނަ ދުވަހު އެފަދަ ބުއިމުގެ ޝިޕްމަންޓެއް އައުމުން ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

"މި މައްސަލަ ހައްލުކުރުމުގެ އިސްވެ ބަޔާންކުރެވުނު ބާވަތުގެ ބުއިންތައް އެތެރެކުރާ ފަރާތްތަކާއި ކަސްޓަމްސް އިން މި ދަނީ މުއާމަލާތްތކޮށް، އެފަދަ ބުއިންތައް ބާޒާރުން ނެގުމާ ގުޅޭ މަސައްކަތް ކުރަމުން،" ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، ކުރިއަށްއޮތް ތަނުގައި މިފަދަ މައްސަލަތައް ތަކުރާރު ނުވާނޭކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ނޮން އަލްކަހޯލިކް ބިއަރު ނުވަތަ މަސްތުނުވާ ޒާތުގެ ބިއަރުތައް ރާއްޖެ އެތެރެ ކުރަން ފެށީ 2017 ވަނަ އަހަރު އެވެ.