28 Jul 2019, 17:37
ކޮލަމްބޯ (ޖުލައި 28): އިނގިރޭސިވިލާތުގެ ނުރައްކާތެރި ކުނިބުނީގެ ބާވަތްތަކެއް ސްރީލަންކާއަށް ގަވާއިދާ ހިލާފަށް ގެންދިޔަ މައްސަލައިގައި ކުށްވެރިވާ ކުންފުނިތަކާ ދެކޮޅަށް ދައުވާ ކުރުމާ ބެހޭ ގޮތުން ލަފާ ހޯދަމުންދާ ކަމަށް ލަންކާގެ ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.
ސަމަރަވީރާ ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް ކުނި އެތެރެ ކުރުމަކީ އާއްމުކޮށް ޖޫރިމަނާ ކުރާ ކުށެކެވެ. ނަމަވެސް މިއީ ޖޫރިމަނާ ކުރުމަށް ވުރެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ސީރިއަސް މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަކީލުން ދަނީ އެމައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ޖިނާއީ ދައުވާ ކުރުމާ ބެހޭ ގޮތުން ލަފާ ހޯދަމުން... އަޅުގަނޑު ދެކޭ ގޮތުގައި މިއީ ގައުމާ ދެކޮޅަށް ހިންގި ޖަރީމާއެއް. އަދި މި މައްސަލަ ބަލަން ޖެހޭނީ ސްރީ ލަންކާގެ ތިމާވެއްޓަށާއި ސިއްހަތަށާއި ދަނޑުވެރި ކަމަށް ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ގައުމީ މައްސަލައެއްގެ ގޮތުގައި،" ސަމަރަވީރާ ވިދާޅުވި އެވެ.
ލަންކާގެ ކަސްޓަމްސް ޑިޕާޓްމެންޓުން ބުނި ގޮތުގައި ނުރައްކާތެރި ކުނި ހިމެނޭ 241 ކޮންޓެއިނަރު އިނގިރޭސިވިލާތުން އެގައުމަށް ގެންދިޔައީ ލަންކާގެ ކުންފުންޏަކުންނެވެ. އަދި އޭގެ ތެރޭގައި ޕްލާސްޓިކާއި މޯޗަރީތަކާއި ހޮސްޕިޓަލްތަކުގެ ކުނި ހިމެނެ އެވެ.
ލަންކާގެ ކަސްޓަމްސް ޑިޕާޓްމެންޓުން ބުނާ ގޮތުގައި އިނގިރޭސިވިލާތުން އެފަދަ ކުނި އެކްޕޯސްޓް ކުރަން ޖެހޭނީ ފުރަތަމަ ލަންކާއާ ވާހަކަ ދެއްކުމަށް ފަހު އެކަމަށް ހުއްދަ ހޯދައިގެންނެވެ. އަދި އެގައުމުން ވަނީ އެކުނި އިމްޕޯޓު ކުރި ފަރާތްތަކުން، ކުނި އަނބުރާ ފޮނުވުމަށް އަންގާފަ އެވެ.
އިނގިރޭސިވިލާތުންވެސް ވަނީ މިހާރު އެމައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.
މީގެ ކުރިން ދުނިޔޭގެ މުއްސަނދި ގައުމުތަކުން އެންމެ ގިނައިން ޕްލާސްޓިކް ކުނި ފޮނުވަނީ ޗައިނާއަށެވެ. ނަމަވެސް މިދިޔަ އަހަރު ޗައިނާއިން ބޭރު ގައުމުތަކުގެ ކުނި އެތެރެކުރުން ހުއްޓާލުމުން، އެމެރިކާއާއި ޔޫރަޕުން އޭޝިއާގެ އެހެން ގައުމުތަކަށް ކުނި ފޮނުވާ މިންވަރު އިތުރުވިއެވެ.
ނަމަވެސް އެ ގައުމުތަކުންވެސް މިހާރު ވަނީ ބޮޑެތި ގައުމުތަކުގެ ކުނި ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. އަދި ގިނަ އަދަދެއްގެ ކުނި އަނބުރާ ފޮނުވާލަމުންދާ އަދި ފޮނުވާނެ ކަމަށް ބުނެފައިވާ ގައުމުތަކުގެ ތެރޭގައި ފިލިޕީންސް، މެލޭޝިއާ އަދި އިންޑޮނޭޝިއާ ހިމެނެ އެވެ.