28 Jul 2019, 16:29
އިސްލާމް އާބާދު (ޖުލައި 28 ) : 2022 ވަނަ އަހަރު ފަޒާއަށް އިންސާނަކު ފޮނުވުމުގެ ޚާއްސަ ޕްރޮގްރާމެއް ޕާކިސްތާނުން އިއްލާންކޮށްފިއެވެ.
ޕާކިސްތާނުގެ ސައެންސާއި ޓެކްނޮލޮޖީއާ ބެހޭ ވަޒީރު ފުއާދު ޗައުދަރީ ވިދާޅުވީ މި ރޮގްރާމް ގެ ދަށުން 50 އެސްޓްރޮނޮޓުން ތަމްރީން ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ފަޒާއަށް ފޮނުވާނީ އޭގެތެރެއިން ފަންނީ ގޮތުންނާއި ޖިސްމާނީ އަދި ނަފްސާނީ ގޮތުން އެންމެ ގާބިލް އެސްޓްރޮނޮޓް ކަމުގައެވެ. މިތަމްރީންތަކަށް މީހުން ހޮވުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާ އަންނަ އަހަރު ތަމްރީންތައް ފަށާނެކަމަށް ޗައުދަރީ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ފަޒާއާބެޙޭ އިދާރާ "ސްޕޭސް އެންޑް އަޕާ އެޓްމޮސްފިއާ ރީސާޗް ކޮމިޝަން" (ސްޕާކޯ) އަކީ 16 ސެޕްޓެމްބަރު 1961 ގައި އުފެއްދި އިދާރާއެކެވެ. އެ އިދާރާގެ މައި މަރުކަޒު ހުންނަނީ ކަރާޗީގައެވެ. ފަޒާއަށް އިންސާނަކު ފޮނުވުމަށް ބޭނުވާ އުޅަނދާއި އެއުޅަނދު އުދުއްސާލުމަށް ބޭނުންވާ ރޮކެޓް ގެ މައިގަނޑު ބައިތައް ޕާކިސްތާނުން މިހާރުވަނީ އުފައްދާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެ އުޅަނދާއި ރޮކެޓްގެ ބައެއް ތަޖްރިބާތައް ޕާކިސްތާނުން އަދިވެސް ގެންދަނީ ކުރަމުންނެވެ.
ސްޕޭސް އެންޑް އަޕާ އެޓްމޮސްފިއާ ރީސާޗް ކޮމިޝަން (ސްޕާކޯ) ގެ މަސައްކަތްތައް ވަނީ ޕާކިސްތާނުގެ ވައިގެ ސިފައިންނާ ވަރަށް ބޮޑަށް ގުޅިފައެވެ. ސްޕާކޯ އިން ފަޒާގައި ބޭނުންވާ ރޮކެޓް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޕާކިސްތާނުގެ ވައިގެ ސިފައިން ނާއި ޕާކިސްތާނުގެ އަސްކަރީ އިންޑަސްޓްރީ ގުޅިގެންނެވެ.
ޕާކިސްތާނުންވަނީ "ބަދްރު ވަން" ގެ ނަމުގައި ތަޖްރިބާ ސެޓަލައިޓެއް ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވާފައެވެ. ޕާކިސްތާނުން އިންސާނަކު ފަޒާއަށް ފޮނުވުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާއިރު އިންޑިއާއިންވެސްވަނީ 2022 ވަނަ އަހަރު އިންސާނަކު ފަޒާއަށް ފޮނުވުމަށް ނިންމާފައެވެ. އަދި އިންޑިއާއިން ވަނީ މިމަހުގެ ކުރީކޮޅު އިންސާނަކުނެތް އުޅަނދެއް ހަނދަށް އުދުއްސާލާފަވެ.
މިހާތަނަށް އަމިއްލަ ޓެކްނޮލޮޖީގައި އިންސާނަކު ފަޒާއަށް ފޮނުވާފައިވަނީ ކުރީގެ ސޮވޮއެޓް ޔުނިޔަން (ރޫސީވިލާތް) އާއި މިހާރުގެ ރަޝިޔާ އާއި އެމެރިކާ ގެ އިތުރުން ޗައިނާ އިންނެވެ. އިންޑިއާއާއި ޕާކިސްތާނުން 2022 ވަނަ އަހަރު ފަޒާއަށް އިންސާނަކު ފޮނުވުމަށް ރާވާފައިވާއިރު އީރާނުންވެސްވަނީ 2023 ވަނަ އަހަރު ފަޒާއަށް އިންސާނަކު ފޮނުވުމުގެ ޕްރޮގްރާމެއް އިއްލާންކޮށްފައެވެ. (ނޫސްއެޖެންސީތައް)