ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރުގެ މަރާ ގުޅިގެން ގ. ގޯޒީ އިބްރާހީމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

އެ އަޑު އެހުން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 13:15 އަށެވެ.

ވަޅިން ހަމަލާދީ އަހުސަން ބަޝީރު މަރާލާފައި ވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މެންދަމު 3:20 އެހައިކަންހާއިރު އަލިކިލެގެފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

އަހުސަން ބަޝީރަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން އުފުލީ ޝަހުމްގެ މައްޗަށެވެ. ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ނަމަވެސް އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.

ހުކުމްގައި ވަނީ އެ ދައުވާ ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ.

އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ އޭގެ އަހަރަކަށް ވުރެ ވެސް ގިނަ ދުވަސްވީ ފަހުން، 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެވެ.

އެ މައްސަލަ ސާބިތު ނުވިނަމަވެސް 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ޝަހުމް އަންނަނީ ތަންފީޒު ކުރަމުންނެވެ.

ޝިމާޒުގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައިނުވާތީ އޭނާ ވަނީ މިނިވަންވެފައެވެ.