ޓްރިޕޮލީ (ނޮވެމްބަރ 01) : ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީގެ ވެރިކަންވެއްޓި އޭނާ އަވަހާރަކޮށްލުމަށްފަހު އެޤައުމުގައި އުފައްދާ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކަށް ޢަބްދުއްރަޙީމް އަލްކީބް އިޚްތިޔާރުކޮށްފިއެވެ.

ލީބިޔާގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް ޢަބްދުއްރަޙީމް އިޚްތިޔާރު ކޮށްފައިވަނީ މިމަޤާމަށް ކުރިމަތިލެއްވި 9 ކެންޑިޑޭޓުންގެ ތެރެއިން އިންތިޤާލީ މަޖިލީހުގެ މެންބަރުންގެ އެންމެ ގިނަވޯޓު ލިބިވަޑައިގެންނެވެ. އިންތިޤާލީ މަޖިލީހުގައި ހިމެނޭ 51 މެންބަރުންގެ ތެރެއިން 26 މެންބަރުންގެ ވޯޓު އަބްދުއްރަޙީމަށް ލިބިވަޑައިގެންނެވިއެވެ.

އިންތިޤާލީ މަޖިލީހުގެ ތަންފީޒީ އޮފީހުގެ ވެރިޔާގެ މަޤާމުގައި މިހާތަނަށް ހުންނެވި ޑރ. މަޙްމޫދް ޖިބްރީލް މިމަޤާމަށް ކުރިމައްޗެއްނުލައްވައެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި އިސްދައުރެއް އަދާކުރި އަދި ލީބިޔާގައި މިހާރު އެންމެ ނުފޫޒުގަދަ އެއްޖަމާއަތް ކަމަށްވާ އިސްލާމީ ޚިޔާލުގެ ހަނގުރާމަވެރިންވަނީ ޖިބްރީލަކީ ހުޅަނގަށް ތާއީދުކުރައްވާ ޢިލްމާނީ ޚިޔާލުގެ ބޭފުޅެއް ކަމަށް ސިފަކޮށްފައެވެ. އިސްލާމީ ޚިޔާލުގެ ޒުވާން ކޮމާންޑަރު އަބްދުލްޙަކީމް ބިލްޙާޖް ވަނީ ގައްޒާފީއަށްފަހު ލީބިޔާގެ މުސްތަޤްބަލް އެކަށައެޅުމުގެ ފުރްސަތު އެމެރިކާއަށް ތާއީދުކުރާ ލާދީނީ އަދި ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ މަދުބައެއްގެ އަތްމައްޗަށް ދޫކޮށްނުލާނެކަމުގެ އިންޒާރު ކުރިންދެއްވާފައެވެ.

ޓްރިޕޮލީ ސަރަޙައްދުގެ ކޮމާންޑިންގ އޮފްސަރު ކަމުގެ މަޤާމުގައި މިހާރު ހުންނެވި ޢަބްދުލްޙަކީމްގެ އިންޒާރަށްފަހު ޑރ. ޖިބްރީލްގެ ޝަޚްސިއްޔަތު ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ތެރޭގައިިވަނީ ވަރަށްބޮޑަށް ކުޑަވެގެން ގޮސްފައެވެ. ހުޅަނގަށް ތާއީދުކުރައްވާ ޢިލްމާނީ ޚިޔާލުގެ ބޭފުޅެއްގެ އިތުރުން ކޮރަޕްޝަނުގެ ޝައްކުތަކެއް ޑރ. ޖިބްރީލްގެ މައްޗަށް ކުރެވިފައިވެއެވެ. ކުރިން ހަމަޖެހިފައިއޮތީ ޑރ. ޖިބްރީލްގެ ބޮޑުވަޒީރު ކަމުގައި ލީބިޔާގެ ވަގުތީ ސަރުކާރު އެކުލަވާލުމަށެވެ.

އިންތިޤާލީ މަޖިލީހުންވަނީ ކުރިޔަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ލީބިޔާގައި ޒަމާނީ ޑިމޮކްރަސީގެ ޤާނޫނު އަސާސީއެއް އެކުލަވާލައި ގިނަ ޕާޓީތަކަކުން ވާދަކުރާ މިނިވަން އިންތިޚާބެއް ބާއްވައިގެން އިންތިޚާބީ ސަރުކާރެއް އެކުލަވާލުމަށް ނިންމާފައެވެ. (އަލްޖަޒީރާ)