ކުޑަ ދެ ފިރިހެން ކުދިންނާ މެދު ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވިފައި ވަނީ ފިރިހެން ފުލުސް ސާޖަންޓަކަށެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އިއްޔެ ހައްޔަރުކޮށް، ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތު ވެސް ދީފައިވާ ކަމަށެވެ.

"ތުހުމަތު ކުރެވޭ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާގައި ހުރި މީހެއް،" ފުލުހުން ބުންޏެވެ.

އެ މައްސަލަ މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމިޓީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ސާޖަންޓް ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ މިދިޔަ އަަހަރު އޮކްޓޯބަރު މަހު ކަމަށާއި އެހެން ނަަމަވެސް އެ މައްސަލައިގައި އޭރު އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެ މައްސަލަ އޮބިގެން ނުގޮސްއުޅެނިކޮށް ހަމަ އެ ސާޖަންޓް އެހެން ކުޑަކުއްޖަކާއެކީ ބަދުއަހުލާގީ ގުޅުން ހިންގިކަމުގެެ މައްސަލަ މިއަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު ހުށަހެޅި އެވެ.

ދެ މައްސަލަ ހުށަހެޅުނު އިރު ވެސް ތުހުމަތު ކުރެވޭ ފުލުސް މީހާ ހުރީ ނޯ ޕޭ ލީވެއްގައި ސްރީލަންކާގަ އެވެ.