މިދިޔަ ހަފްތާ ހުލުމާލެ ޕޮލިސް ސްޓޭޝަނަށް ވައްކަމާ ގުޅޭ 21 މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ބަލާފައިވާ މައްސަލަތަކާ ގުޅޭ ތަފާސް ހިސާބުތައް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. މިދިޔަ ހަފްތާގެ މައްސަލަތަކާ ގުޅޭ އެ ތަފާސް ހިސާބުތައް ދައްކާގޮތުން ވައްކަމުގެ 21 މައްސަލައިގެ އިތުރަށް ފޭރުމުގެ ދެ މައްސަލައެއްވެސް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ވަނީ ހުށަހެޅިފަ އެވެ.

މީގެ އިތުރުން މަގުމަތީގެ ނުވަ އެކްސިޑެންޓެއްގެ މައްސަލަ ފާއިތުވި ހަފްތާ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނެވެ. ލައިސެންސް ނެތި އުޅަނދު ދުއްވި 86 މައްސަލައަކާއި ހެޑް ސެޓް އަޅައިގެން ނުވަތަ ފޯނުގައި އިނދެ ދުއްވާ އެއްޗެހި ދުއްވި ހަތް މައްސަލައެއްވެސް ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ވަނީ ބަލައިފަ އެވެ.

ޓްރެފިކާ ގުޅުންހުރި އެކި މައްސަލަ ތަކުގައި ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން މިދިޔަ ހަފްތާ 143 މީހަކު ޖޫރިމަނާ ކުރިއެވެ.

މި މުއްދަތުގައި 401 އުޅަނދެއް ބަލާ ޗެކު ކުރިއިރު ރޯޑް ވާދިނެސް ނެތް 16 މައްސަލައަކާއި އިންޝުއަރެންސް ނެތް 14 މައްސަލައެއްގެ އިތުރުން އަހަރީ ފީ ނުދައްކާ 20 މައްސަލައެއްވެސް ވަނީ ފާހަގަ ކުރެވިފައެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ ހަ މައްސަލައެއްވެސް މިދިޔަ ހަފްތާ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވެ އެވެ. ބިދޭސިންނާ ގުޅޭ ހަތް މައްސަލައެއްގެ އިތުރުން ހުއްދަ ނޫން ތަނެއްގަިއ ދުންފަތުގެ އިސްތިއުމާލު ކޮށްގެން އެކަކު ޖޫރިމަނާ ކޮށްފައިވާކަމަށް ހުޅުމާލޭ ފުލުހުންގެ ތަފާސް ހިސާބުތައް ދައްކަ އެވެ.