ޚުރުތޫމް (ޖުލައި 0.8): ސޫދާންގައި މިދިޔަ މަހުގެ ތިނެއްގައި ކުރި މުޒާހަރާއެއް ރޫޅާލަން ސިފައިންތަކެއް ދިން ހަމަލާތަކުގައި 87 މީހުން މަރުވި ކަމަށް އެހާދިސާ ތަހުގީގު ކުރި ކޮމިޓީއަކުން ބުނެފި އެވެ.

ސޫދާންގައި އޮތް އަސްކަރީ ސަރުކާރުން މަދަނީ ސަރުކާރަކަށް ފުރުސަތު ދިނުމަށް ގޮވާލާ، އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ކުރިމަތީގައި ކުރި އެމުޒާހަރާގައި ތިން ސިފައިން ވަނީ އިސް އޮފިޝަލުންގެ އަމުރާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައި ކަމަށް އިންވެސްޓިގޭޓިވް ކޮމިޓީގައި އިސްކޮށް ހުންނަވާ ފާތުލްރަހްމާން ސައީދު ވިދާޅުވި އެވެ.

އެގޮތުން ޑިފެންސް މިނިސްޓްރީ ކުރިމަތީ އޮތް ހަޅުތާލެއް ރޫޅާލަން ސިފައިން ދިޔައީ އެހެން ސަރަހައްދެއްގައި އޮތް މުޒާހަރާއެއް ރޫޅާލަން އެންގުމުން ކަމަށް ސައީދު ވިދާޅުވި އެވެ.

"ސަލާމަތީ ފައުޖުތަކުން ގާނޫނާ ހިލާފަށް އެސަރަހައްދަށް ވަނީ. އެމީހުން ބެރިކޭޑުތައް ދުރުކޮށް، ކަރުނަ ގޭސް ޖަހާ، ގިނަ އަދަދަކަށް ބަޑި ޖެހި. އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެ، އެތައް ބަޔަކު މަރުވި،" ސައީދު ވިދާޅުވި އެވެ.

އެހާދިސާއާ ގުޅިގެން އަށް ސިފައިންގެ މީހެއްގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ސައީދު ވިދާޅުވި ނަމަވެސް، އެމީހުންނާ ބެހޭ މައުލޫމާތު ހިއްސާކޮށްފައި ނުވެ އެވެ.

އެތަހުގީގާ ބެހޭ ގޮތުން މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ޖޫން ތިނެއްގެ މުޒާހަރާގައި 130 މީހަކު މަރުވި ކަމަށް ބުނެފަ އެވެ.

އެމުޒާހަރާތަކާ ގުޅިގެން ސޫދާންގެ ވެރިކަން ކުރާ އަސްކަރީ މަޖިލީހުން ވަނީ ވެރިކަމުގެ ބާރުތައް ހިއްސާ ކުރާ ކައުންސިލެއް އެކުލަވާލާފަ އެވެ. އަދި އެކައުންސިލުގައި އަސްކަރިއްޔާގެ އޮފިޝަލުންނާއި އިދިކޮޅު ފަރާތްތައް ހިމަނަން ނިންމާފަ އެވެ.